ހުޅުމާލެ ފޭސް 1 ގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ހުއްޓުވައި ޓޯކޮށްފިއެވެ.
އޮކްޓޫބަރު 4، 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:20 ހާއިރު ހިނގި މި ހާދިސާގައި، ދިއްގާމަގުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ދެ ސައިކަލު މަޑުކުރުމަށް ފުލުހުން އެންގުމުން އެ އަމުރަށް ފުރަގަސްދީ ވަނީ ބާރު ސްޕީޑުގައި ފިލަން މަސައްކަތްކޮށްފައެވެ. ފިލަން ދުއްވި ވަގުތު ނިރޮޅުމަގެއްގެ 10 ނަންބަރު ގޯޅިއަށާއި އެ މަގުތަކުން ޒިގްޒެގްކޮށް، ނުރައްކާތެރިކޮށް އޯވަރޓޭކް ކުރަމުން ދަނިކޮށް، ފުލުހުންގެ ޕެޓްރޯލް ޓީމުން ވަނީ އޭގެ ތެރެއިން އެއް ސައިކަލު ނިރޮޅުމަގު 11 ނަންބަރު ގޯޅި ކައިރިން ހުއްޓުވާފައެވެ.
އެ ސައިކަލުގައި ތިބި ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ އިރު، ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން އެ ސައިކަލު ވަނީ ޓޯކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






