ފާއިތުވި 30 މަސްދުވަހުގެ ތެރޭގައި އެކިއެކި ބޭނުންތަކަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ގާތްގަނޑަކަށް 2 ބިލިއަން އެމެރިކާ ޑޮލަރު ދޫކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. "އަހާ" ފޯރަމްގައި ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ވަޒީރު މިކަން ހާމަކުރެއްވީ އެވެ.
ރާއްޖޭގައި ޑޮލަރަށް ބަރޯސާވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ޑޮލަރު މާރުކުރުމާ ގުޅޭގޮތުން އެމްއެމްއޭގެ ޤާނޫނަށް ގެނައި ބަދަލާއެކު ރަސްމީ ރޭޓުން ޑޮލަރު ލިބުން ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ކުރިން މަހެއްގެ މައްޗަށް ޓީޓީ ހެދުމަށް ގާތްގަނޑަކަށް 10 މިލިއަން ޑޮލަރު ދޫކުރަމުން އައި ނަމަވެސް، މިހާރު އެ ޢަދަދު ވަނީ 27 މިލިއަން ޑޮލަރަށް އިތުރުވެފައި ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، 2021 އިން 2026 އާ ދެމެދު ބޭންކު މެދުވެރިކޮށް ޖުމްލަ 3 ބިލިއަން ޑޮލަރު ރަސްމީ ރޭޓުގައި ދޫކޮށްފައިވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށާއި، ބޭސްފަރުވާއަށާއި، ޙައްޖާއި ޢުމްރާއަށްދާ ފަރާތްތަކަށްވެސް ބީއެމްއެލް މެދުވެރިކޮށް ހުއްޓުމެއްނެތި ޑޮލަރު ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި މި ސަރުކާރުން ވަނީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ދެއްކުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 1.4 ބިލިއަން ޑޮލަރުގެ ދަރަންޏެއް ދައްކާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.






