މި އައު ސިސްޓަމްގެ ސަބަބުން ގްރީން ޓެކުހަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ރާއްޖޭގެ ޓޫރިސްޓް އެސްޓެބްލިޝްމަންޓްތަކަށް އަންނަ ފަތުރުވެރިންގެ މަޢުލޫމާތު ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށާއި، މިގޮތުން ހުށަހަޅާ މަޢުލޫމާތު މިނިސްޓްރީ އޮފް ޓޫރިޒަމަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ކަމަށްވެސް ބެލެވިގެންދާނެ ކަމަށް މީރާއިން ބުނެފައިވެއެވެ. އަދި ޓޫރިސްޓް ވިޔަފާރިތަކުގެ އަމިއްލަ ސިސްޓަމްތަކާ މި ނިޒާމު ގުޅުވާލުމުން، ކުރިން މެނުއަލްކޮށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓި، ރިޕޯޓުކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއިވެގެންދާނެއެވެ.
މި ސިސްޓަމް ބޭނުންކުރުމަށް ފަރާތްތައް އޮންބޯޑު ކުރުމުގައި މީރާއިން ގެންގުޅެނީ ދެ މަރުޙަލާއެކެވެ. އެގޮތުން ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން 50 އެނދަށްވުރެ މަތީގެ ގެސްޓްހައުސްތަކުން އަންނަ ނޮވެމްބަރު މަހުން ފެށިގެން މި ސިސްޓަމް މެދުވެރިކޮށް ރިޕޯޓުކުރަން ފަށަންޖެހޭއިރު، އެހެނިހެން ފަރާތްތަކުން އަންނަ ޖެނުއަރީ މަހުން ފެށިގެން މި ނިޒާމު މެދުވެރިކޮށް ރިޕޯޓުކުރަން ޖެހޭނެއެވެ.
އައު ސިސްޓަމެއް ތާޢާރަފުކުރި ނަމަވެސް ގްރީން ޓެކުހުގެ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމުގެ ސުންގަޑިތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، ކުރިއެކޭ އެއްގޮތަށް އެކަންކަން ކުރިއަށްދާނީ "މީރާކަނެކްޓް" މެދުވެރިކޮށް ކަމަށް މީރާއިން ބުނެއެވެ. ނަމަވެސް މި ސިސްޓަމަށް މަޢުލޫމާތު އެންޓާ ކުރުމުން އިތުރު އިންފޮމޭޝަން ޝީޓެއް އަޕްލޯޑުކުރަން ނުޖެހި، ގްރީން ޓެކުސް ބަޔާނަށް އެ މަޢުލޫމާތު އިންތިޚާބުވެގެންދާނެއެވެ. މިފަދަ ނިޒާމެއް ތާޢާރަފުކޮށްފައިމިވަނީ އޮފްޝޯ ބުކިން ޕްލެޓްފޯމްތަކާއި ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަތުން ޖީއެސްޓީ ނެގުމަށް ޤާނޫނަށް ގެނައި ބަދަލުތަކާ ގުޅިގެން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކެއް ހުރި ދަނޑިވަޅެއްގައެވެ.






