Saturday, November 14
ރާއްޖޭގެ މަރުގެ 84 އިންސައްތަ ހިއްސާކުރަނީ ގައިންގަޔަށް ނާރާ ބަލިތައް
ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތައަކީ ގައިންގަޔަށް ނާރާ ބަލިތައް ތަހައްމަލުކުރާ މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހާމަކޮށްފިއެވެ.

މިއަހަރުގެ ހިތުގެ ދުވަހުގެ ޝިއާރު "ޑޯންޓް މިސް އަ ބީޓް" އާ ގުޅުވައިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިއަހަރުގެ އަމާޒަކީ ހިތާއި ލޭހޮޅިތަކުގެ ބަލިތަކުގެ އަލާމާތްތައް ދެނެގަނެ، ފަރުވާ އަވަސްކުރުމަށް ބާރުއެޅުން ކަމަށެވެ. "ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓާ ސާވޭ 2020-2021" އާ ހަވާލާދީ އެ އެޖެންސީން ބުނީ، ރާއްޖޭގައި އުމުރުން 15 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ އާލާމާތްތައް ތަހައްމަލުކުރަމުންދާ މީހުން ކަމަށެވެ.

ބަލިތައް ދުރާލާ ދެނެގަތުމަށް ކުރިއަށްގެންދާ ސްކްރީނިން ޕްރޮގްރާމްގެ ދަށުން، މި މަހުގެ ނިޔަލަށް 37،038 މީހުން ސްކްރީންކޮށްފައިވާއިރު، އޭގެ ތެރެއިން 21.2 އިންސައްތަ މީހުންގެ ކޮލެސްޓްރޯލް، 18 އިންސައްތަ މީހުންގެ ލޭގެ ޕްރެޝަރު އަދި 10.4 އިންސައްތަ މީހުންގެ ހަކުރު މަތިކަން ވަނީ ފާހަގަކުރެވިފައެވެ. ސިއްހީ ހިދުމަތްތައް ހަރުދަނާކުރުމަށް މާލޭގައި "އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު" ހުޅުވައި، އަތޮޅުތެރޭގައިވެސް ސްކްރީނިން ނިޒާމު ގާއިމުކޮށްފައިވާކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހިތުގެ ބަލިތަކަށް މަގުފަހިވާ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް، "ޖެނެރޭޝަނަލް ބޭން" ސިޔާސަތާއި، ފަސް އަހަރުގެ ޤައުމީ ކެމްޕޭނެއް ވަނީ ފަށާފައެވެ. މީގެ އިތުރުން، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް އަހަރަކު އެއްފަހަރު ހިލޭ މެޑިކަލް ސްކްރީނިން ހެދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެޗްޕީއޭއިން ވަނީ ދުޅަހެޔޮ ސިއްހަތަކަށްޓަކައި ހަފުތާއަކު މަދުވެގެން 150 މިނެޓު ކަސްރަތުކުރުމަށާއި، ކެއުމުގައި ލޮނާއި ހަކުރު މަދުކޮށް ތަރުކާރީއާއި މޭވާ ގިނަކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ދުންފަތާއި ވޭޕުން ދުރުހެލިވެ، މޭގައި ރިއްސުމާއި ނޭވާ ކުރުވުން ފަދަ ހާޓް އެޓޭކްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު