ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ކާރިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ރައްޔިތުންނަށް ކުރިމަތިވި ތަކުލީފުތަކުގެ ސަބަބުން އިންތިހާއަށް ހިތާމަކުރައްވާކަން ހާމަކުރެއްވިއެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ނޭޕާލްގެ ބޮޑުވަޒީރަށާއި، ސަރުކާރަށް އަދި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރެއްވިއެވެ. ހާއްސަކޮށް، މަރުވި މީހުންނާއި ގެއްލުނު މީހުންގެ އާއިލާތަކަށާއި، މި ކާރިސާގެ އަސަރުކުރި އެންމެހައި ފަރާތްތަކަށް އެމަނިކުފާނު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
މީގެއިތުރުން، އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގަންނަވަމުން، މީހުން ސަލާމަތްކުރުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ކާމިޔާބީއަށް ރައީސް އެދިވަޑައިގެންނެވިއެވެ. އެމަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި އުނދަގޫ ވަގުތުގައި ދިވެހިރާއްޖެ އޮތީ ނޭޕާލްގެ ރައްޔިތުންނާއެކު ސާބިތުވެކަން ހާމަކުރައްވައި، ކާރިސާގެ އަސަރުކުރި ފަރާތްތަކަށް ރައްކާތެރިކަމާއި ކެތްތެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.






