Monday, November 16
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އަވަހާރަވުމުން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު މުޙައްމަދުގެ އަނބިކަނބަލުން ޑޮކްޓަރ ސިޓި ޙަސްމާ މުޙައްމަދު ޢަލީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޑޮކްޓަރ ސިޓި ޙަސްމާއަކީ މެލޭޝިއާގެ ފުރަތަމަ އަންހެން ޑޮކްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، މައިންގެ ޞިއްޙަތާއި ރަށްފުށުގެ އަންހެނުންގެ ތަރައްޤީއަށް އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި މިންތީގެ ހަމަހަމަކަމާއި އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަމަނާ އިސްނަންގަވައިގެން ހިންގެވި މަޝްރޫޢުތަކަކީ މުޖުތަމަޢަށް ކޮށްދެއްވި ބޮޑު ޚިދުމަތެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮކްޓަރ މަހާތީރު މުޙައްމަދަށާއި އެމަނިކުފާނުގެ ޢާއިލާއަށް އިޚްލާޞްތެރި ތަޢުޒިޔާ އަރިސްކުރައްވައި، މެލޭޝިއާގެ އެންމެހާ ރައްޔިތުންނަށް މި ފުން ހިތާމައިގެ ވަގުތުގައި ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި އެކަމަނާގެ ޚިދުމަތްތަކާއި އުޞޫލުތަކުގެ ހަނދާންތަކުން ޢާއިލާއަށް ތަސައްލީ ލިބުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، މަރުޙޫމާގެ ފުރާނަފުޅަށް ރަޙްމަތްލައްވައި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މިންވަރުކުރެއްވުން އެދި ރައީސުލްޖުމްހޫރިއްޔާ ދުޢާކުރެއްވިއެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު