ރާއްޖޭގައި މިވަގުތު ހިމަބިހީގެ އެކްޓިވް ކޭހެއް ނެތް ކަމަށާއި، ބަލީގެ ހާލަތު އޮތީ މުޅިން ކޮންޓްރޯލް ކުރެވިފައި ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ގީލާ ވިދާޅުވީ، ހިމަބިއްސަކީ ރާއްޖެއިން މުޅިން ނައްތާލެވިފައިވާ ބައްޔެއް ކަމުގައިވީ ނަމަވެސް، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ މެދުގައި ބަލި ފެތުރުމުގެ ފުރުސަތު އޮންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން އަބަދުވެސް އުސޫލުގެ ތެރެއިން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
މިދިޔަ މޭ މަހުގެ ތެރޭގައި ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން މުޅިއެކު 282 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. މި ފަހަރުގެ ކޭސްތައް ފެށިގެން އައިސްފައިވަނީ ރާއްޖެއަށް އަންނަ ފަރާތްތަކުގެ މެދުގައި ނުވަތަ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ ތެރެއިން ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރ ގީލާ ވިދާޅުވިއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކުރިއަށްގެންދިޔަ ވެކްސިން ކެމްޕޭނުގެ ދަށުން މިހާތަނަށް 16,000 އަށްވުރެ ގިނަ މީހުންނަށް ވަނީ ހިމަބިހީގެ ވެކްސިން ދީފައެވެ. ޑަބްލިއުއެޗްއޯ އިން ރާއްޖެއަކީ ހިމަބިހި މުޅިން ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުގައެވެ.
މި ލިޔުން ކިޔާލުމުން



