ދިވެހިރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ސަޤާފީ ސިފަތަކުގެ އިތުރުން ދިވެހިންގެ މެހެމާންދާރީ ރައްކާތެރިކުރަމުން، ސުމޭކީ އީޖާދުތަކާއި ހުނަރު ތަރައްޤީކޮށްގެން ވިލުންތެރި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސިނާޢަތެއް ކުރިއެރުވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ "ފަތުރުވެރިކަން އަލުން ބައްޓަންކުރުމަށް ސުމޭކީ އެޖެންޑާއާއި އާޓިފިޝަލް އިންޓެލިޖެންސް" މި ޝިޢާރުގެ ދަށުން ފާހަގަކުރާ 2026 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދުނިޔޭގެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމުގައި ފަތުރުވެރިކަމުގެ ސިނާޢަތުގެ ހިއްސާދާރުން ކުރައްވާ މަސައްކަތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ފަތުރުވެރިކަމަކީ ޤައުމީ ތަރައްޤީއާއި އާންމުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހިންގެ މެދުގައި އޮތް ގުޅުން ބަދަހިކޮށްދޭ މައިގަނޑު ބާރުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ސުމޭކު ފަންނިއްޔާތާއި އޭއައި ގެ ސަބަބުން ދުނިޔޭގެ ފަތުރުވެރިކަމުގެ ވެށްޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކުރައްވަމުން، މިއީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ވާދަވެރިކަން ވަރުގަދަކުރުމަށް ލިބޭ އައު ފުރުޞަތުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ދިވެހިންގެ އަމިއްލަވަންތަކަމާއި މެހެމާންދާރީގެ އަސްލު ނުގެއްލޭގޮތަށް، ސުމޭކީ އީޖާދުތަކަށާއި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިންވެސްޓްކުރުން މުހިންމުކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ފަންނިއްޔާތަކީ ދިވެހިންގެ އިންސާނީ ގާތްކަމުގެ ޖާގަ ނަގާ އެއްޗަކަށް ވުމުގެ ބަދަލުގައި، ޚިދުމަތްތައް ފުރިހަމަކޮށްދޭ އެހީތެރިއަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ދުނިޔޭގެ ވާދަވެރި މަންޒިލެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށްޓަކައި އީޖާދީ ވިސްނުންތަކާއެކު އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އެ މަނިކުފާނު ވަނީ އެކްސް މެދުވެރިކޮށް ކުރެއްވި މެސެޖުގައިވެސް ތަކުރާރުކުރައްވާފައެވެ.
މި ލިޔުން ކިޔާލުމުން



