Monday, October 5
ދެކުނު އެފްރިކާގައި ދިން ބަޑީގެ ހަމަލާތަކެއްގައި 27 މީހުން މަރުވެއްޖެ

ދެކުނު އެފްރިކާގެ ޖޮހެނެސްބާގް ކައިރީގެ ވެދެލާ އަދި ކޭޕް ޓައުން ކައިރީގެ ލުވާންޑްލޭގައި ވަކިވަކިން ދިން ނުރައްކާތެރި ބަޑީގެ ހަމަލާތަކެއްގައި މަދުވެގެން 27 މީހުން މަރުވެ، 20 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ވެދެލާގެ ޓެވަރންއެއްގައި ދިން ހަމަލާގައި 17 މީހުން މަރުވެ 15 މީހުން ޒަޚަމްވިއިރު، ހަތިޔާރުއެޅި މީހުން ވަނީ ބޭރުގައި ތިބި މީހުންނަށާއި އެތެރޭގައި ތިބި މީހުންނަށް ބަޑިޖަހައި، ފޯނުތައް ފޭރިގަތުމަށްފަހު ދެ ވެހިކަލް އަންދާލައި އެހެން ވެހިކަލްތަކެއްގައި ފިލާފައެވެ.

ވެދެލާގައި ދިން ހަމަލާއާ ގުޅިގެން އޭކޭ-47 އަދި ކުދި ބަޑި ހިފައިގެން އުޅުނު ކަމަށް ބެލެވޭ އަށް މީހަކު ހޯދުމުގެ މަސައްކަތް ޚާއްސަ ޔުނިޓްތަކުން ކުރަމުންދާއިރު، ފުލުހުން ދަނީ މީހުން މެރުމާއި، މަރަން އުޅުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.

ދެވަނަ ހަމަލާ އާދީއްތަ ދުވަހުގެ ދަންވަރު ލުވާންޑްލޭގެ ފިހާރައެއްގެ ތެރޭގައި ދީފައިވާއިރު، މި ހަމަލާގައި 10 މީހުން މަރުވެ 11 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހާދިސާއާ ގުޅުންހުރި މީހުން ހޯދުމުގެ މަސައްކަތް ވެސް ފުލުހުން ދަނީ ކުރަމުންނެވެ.

މި ދެ ހަމަލާ ދީފައިވަނީ ޑާބަން ކައިރީގައި ދިން ހަމަލާއެއްގައި މާބަނޑު އަންހެނަކާއެކު 11 މީހުން މަރާލިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. މި ހަމަލާތައް ދިން ސަބަބު އަދި ނޭނގޭއިރު، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރެވިފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު