Tuesday, October 6
އަލްއަޤްޞާ މިސްކިތުގެ "ފުރިހަމަ ކޮންޓްރޯލް" ހޯދުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާ ކަމުގެ އިންޒާރު ޙަމާސްގެ އޮފިޝަލަކު ދެއްވައިފި

އަލްއަޤްޞާ މިސްކިތާ މެދު އިސްރާއީލުން އަޅަމުންދާ ފިޔަވަޅުތަކަކީ އެ ތަނުގެ ފުރިހަމަ ކޮންޓްރޯލާއި ވެރިކަން ހޯދުމަށް މަގުފަހިކުރުމަށް ކުރަމުންދާ ކަންކަން ކަމަށް ޙަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރެއް ކަމަށްވާ ޚާލިދު މަޝްޢަލް ވިދާޅުވެ، އެކަމުގެ އިންޒާރު ދެއްވައިފިއެވެ.

ޚާލިދު މަޝްޢަލް ނެރުއްވި ބަޔާނެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، އިސްރާއީލުގެ މި ފިޔަވަޅުތަކުގެ ތެރޭގައި އަލްއަޤްޞާ މިސްކިތް 40 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމާއި، ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޖަމާޢަތްތަކުން އެތަނަށް ވަދެގަތުމަށް މަގުފަހިކުރުމުގެ ގޮތުން ވަގުތީ ގޮތުން ތަން ބައިކުރުން މަޖުބޫރުކުރުން ހިމެނެއެވެ. އަދި މިސްކިތުގެ ގޯތިތެރޭގައިވާ މުހިންމު ވަސީލަތްތައް ހުސްކޮށްގެން ތަން ވަކިކޮށް ބައިބައިކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިސްކިތް މިހާރު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށް ފާހަގަކުރައްވައި، ޤުދުސް އަދި އަލްއަޤްޞާ ސަލާމަތްކުރުމަށްޓަކައި ދެކޮޅުވެރިކަމާއި ޖިހާދުގެ ސްޓްރެޓެޖީއެއް އެކުލަވާލުން ހިމެނޭހެން، އެ ސަރަޙައްދު ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މަޝްޢަލް ވަނީ ގޮވާލައްވާފައެވެ.

ޚާލިދު މަޝްޢަލް ވަނީ އަލްއަޤްޞާ މިސްކިތުގައި ސާބިތުކަމާއެކު ދެމިތިބުމަށްޓަކައި އެ މިސްކިތަށް ދިޔުމަށް ފަލަސްޠީނުގެ އެންމެހައި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ހަމައެއާއެކު، ފަލަސްޠީނުގެ ޙައްޤުގައި ތާއީދުކޮށް އެއްބައިވަންތަކަން ހާމަކުރުމަށް ޢަރަބި އަދި އިސްލާމީ ދުނިޔޭގެ އެންމެހައި ރައްޔިތުންނަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު