އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ. މި ބައްދަލުވުން ފެށުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއަހަރުގެ ބައްދަލުވުމުގައި 53 ޖަމްޢިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެފައިވާއިރު، ބައްދަލުވުމުގެ މައިގަނޑު މަޢުޟޫއަކީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ދީނީ ދަޢުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިފަދަ ޒަމާނެއްގައި މުޅި ރާއްޖޭގައި އިސްލާމީ ދަޢުވަތު ފެތުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރެވޭނީ އެންމެން ގުޅިގެންނެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ފުރިހަމަކޮށްދޭ ބަޔަކަށް ވާންޖެހޭކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ފާއިތުވި ދެތިން އަހަރު ދުވަހު އިސްލާމީ ދާއިރާގައި ހަރަކާތްތެރިވާ ޖަމްޢިއްޔާތަކާއެކު ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށް އެހީތެރިކަން ފޯރުކޮށްދީފައިވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދީނީ ދަޢުވަތު ފެތުރުމަށް ބޭނުންވާ އިސްލާމީ ސްޓޫޑިއޯތައް ޤާއިމުކުރުމަށާއި ޤުރުއާން ކުލާސްތަކުގެ ވަސީލަތްތައް ހޯދައިދިނުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ހިންގުން ހަރުދަނާ ޖަމްޢިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ޤާއިމުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަމުގެ ޔަޤީންކަންވެސް ވަޒީރު ދެއްވިއެވެ.
މި ލިޔުން ކިޔާލުމުން



