ނިއުޔޯކުގައި ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ބައްދަލުވުމުގައި ތަޤްރީރު ކުރައްވަމުން، ކުދި ޤައުމުތަކަށް އަމިއްލަ މުސްތަޤްބަލް ބައްޓަންކުރުމުގެ އިޚްތިޔާރާއި ޤާބިލުކަން ލިބެންޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކުދި ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތައް މިހާރު ވަނީ ކަނޑު ދަތުރުފަތުރާއި، ސަޕްލައި ޗެއިންތަކާއި، މާލީ ބާޒާރުތަކުގެ އިތުރުން ޑިޖިޓަލް ނެޓްވޯކްތަކާއި ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ތެރެއަށް ފެތުރިފައެވެ.
އިންޑިއާ ކަނޑަކީ ޞުލްޙަވެރި އަދި ވިޔަފާރިއަށް ހުޅުވިފައިވާ ތަނެއްގެ ގޮތުގައި ދެމިއޮންނަންޖެހޭނެކަން ފާހަގަކުރައްވަމުން، ހުރްމުޒް ކަނޑުއޮޅިން ދަތުރުފަތުރަށް ހުރަސްއެޅުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި، ތެލާއި ކާބޯތަކެތީގެ ސަޕްލައިއަށް ކުރާ ނޭދެވޭ އަސަރުތަކަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި ފަލަސްޠީނުގެ ޙާލަތަށް ބައްލަވައި، އިސްރާއީލުން ހިންގާ ޤަތުލުޢާންމު ހުއްޓާލުމަށާއި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަނެ، އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ކުރާ ވަކާލާތު އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ އިސްތިޤްލާލާއި ދައުލަތްވަންތަކަމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރައްވައި، މޫސުމީ މާލީ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މާލީ ނިޒާމު އިޞްލާޙުކުރުމާއެކު، އދ. ގެ ސަލާމަތީ މަޖިލީހުގައި ކުދި ޖަޒީރާ ޤައުމުތަކަށާއި އެފްރިކާއަށް އިންސާފުވެރި ތަމްސީލުކުރުމެއް ލިބޭނެގޮތް ހެދުމަށާއި، ވީޓޯކުރުމުގެ ބާރު އުވާލުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި އދ. ގެ ދިގު ތާރީޚުގައި އެ މަޤާމު މިހާތަނަށް ފުރުއްވާފައިވަނީ ފިރިހެން ބޭފުޅުން އެކަނި ކަމަށްވާތީ، ދެން އަންނަ ދައުރެއްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އައްޔަންކުރުމުގެ ވަގުތު ޖެހިއްޖެކަމަށްވެސް ވިދާޅުވިއެވެ.
2040 ވަނަ އަހަރަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ 'މޯލްޑިވްސް ފަސްޓް' ސިޔާސަތަށް އަލިއަޅުއްވާލައްވަމުން، ކުރިއަށް އޮތް ދައުރުތަކުގައި އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލާއި، ހިއުމަން ރައިޓްސް ކައުންސިލް އަދި ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލާފައިވާކަން ނައިބު ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ތަޤްރީރު ނިންމަވާލެއްވީ ބައިނަލްއަޤްވާމީ ނިންމުންތައް ވަޒަންކުރަންވީ އެ ނިންމުންތަކުގެ ސަބަބުން ޤައުމުތަކުގެ އިޚްތިޔާރުކުރުމުގެ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރެވޭ މިންވަރަށް ބަލައިގެން ކަމުގައި ސިފަކުރައްވަމުންނެވެ.
މި ލިޔުން ކިޔާލުމުން



