ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ގުޅިގެން، ޔޫއެފާ ނޭޝަންސް ލީގުގައި އަޔަލެންޑާއި އިސްރާއީލް ބައްދަލުކުރާ ފުޓްބޯޅަ މެޗުތައް ބޮއިކޮޓް ކުރުމަށް ގޮވާލައި ބައިނަލްއަޤްވާމީ އަދި ޤައުމީ ފެންވަރުގައި ބޮޑެތި އިދިކޮޅު ހަރަކާތްތަކެއް ވަނީ ފަށާފައެވެ.
ކުޅިވަރާއި ސިޔާސަތު އެކުވެފައިވާ މި މެޗުތަކުގެ މައްސަލައަށް މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަން ލިބި، ބޮޑު ބަހުސަކަށް ވެގެން ގޮސްފައެވެ.
ޔޫއެފާ ނޭޝަންސް ލީގު 2026-27 ގެ ލީގު ބީ، ގްރޫޕް 3 ގައި އަޔަލެންޑާއި އިސްރާއީލްގެ އިތުރުން އޮސްޓްރިއާ އަދި ކޮސޯވޯ ވަނީ އެއް ގްރޫޕެއްގައި ހިމެނިފައެވެ.
ސިޔާސީ މަސްރަޙު ގޯސްވެފައިވާ މި ދަނޑިވަޅުގައި، އަށް ދުވަހުގެ ތެރޭގައި މި ދެ ޤައުމު ހޯމް-އެންޑް-އަވޭ އުސޫލުން ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ސެޕްޓެމްބަރު 27 ގައި އަޔަލެންޑްގެ ހޯމް މެޗު ހަންގޭރީގެ ޑެބްރެސެންގައި، އަދި އޮކްޓޯބަރު 4 ގައި އިސްރާއީލުގެ ހޯމް މެޗު ސާބިއާގައި ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ.
ފަލަސްތީނުގެ ޙައްޤުތަކަށް ވަކާލާތުކުރާ ޤައުމެއްގެ ގޮތުން، އަޔަލެންޑުން އިސްރާއީލާ ދެކޮޅަށް ކުޅޭ މެޗުތައް ބޮއިކޮޓް ކުރުމަށް އެ ޤައުމުގެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން އެފްއޭއައިގެ ސާވޭއިން %63 މީހުން އަދި އައިރިޝް މިރާގެ ވޯޓުގައި %71 މީހުން ވަނީ މެޗު ނުކުޅެ ދޫކޮށްލުމަށް ތާއީދުކޮށްފައެވެ.
މީގެ އިތުރުން "އައިރިޝް ސްޕޯޓް ފޮ ފަލަސްތީން" ކެމްޕޭނާއި، ބޮހީމިއަންސް އެފްސީ، ކުރީގެ ކޯޗުން އަދި ކުޅުންތެރިން ވެސް މެޗު ބޮއިކޮޓް ކުރުމަށް ގޮވާލަމުންދާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމްޢިއްޔާތަކުން ވަނީ ޣައްޒާގައި ހިންގާ ގަތުލުއާންމާއި އެޕާތައިޑާ ގުޅިގެން އިސްރާއީލާއެކު ކުޅުމަކީ ޟަމީރު ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
އަޔަލެންޑުގެ ބޮޑުވަޒީރު މިކާލް މާޓިން އިސްރާއީލުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ކުޅިވަރާއި ސިޔާސަތު އެއްކުރުމުގައި ހުރި ދަތިތަކަށް ރިޢާޔަތްކުރައްވައި މެޗު ކުރިއަށް ގެންދިއުމަށް ވަނީ ތާއީދުކުރައްވާފައެވެ.
އަޔަލެންޑުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި މެޗު ނުކުޅެފިނަމަ ކުރިމަގުގެ މުބާރާތްތަކުން ސަސްޕެންޑްވުމާއި ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާންޖެހިދާނެއެވެ. އަދި އަޔަލެންޑްގެ މެނޭޖަރު ނަސްލުހޭދަކުރުމާ ދެކޮޅަށް ވާހަކަދެއްކެވުމުން އިސްރާއީލް އެފްއޭ އިން ވަނީ ހަރުކަށި ރައްދެއް ދީފައެވެ.
ސެކިއުރިޓީ ސަބަބުތަކަށްޓަކައި އަޔަލެންޑާއި އިސްރާއީލާ ދެމެދު ކުޅޭ މެޗުތައް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.
އަޔަލެންޑުގެ ދައުލަތުގެ ބްރޯޑްކާސްޓަރު (އާރްޓީއީ) އިން މި މެޗުތައް ދައްކާނީ ސްޓޫޑިއޯ ޕްރެޒެންޓޭޝަނާއި، އެނަލިސިސް އަދި އިޝްތިހާރުތައް ނުހިމަނައި، ހަމައެކަނި އިންޓަނޭޝަނަލް ފީޑް ބޭނުންކޮށްގެން ވަރަށް އާދައިގެ ގޮތަކަށެވެ.
މި ލިޔުން ކިޔާލުމުން



