އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަކީ ނުބައި އަދި ގޮތްކުޑަ ތަނެއް ކަމަށް ވިދާޅުވެ، އެ ކޯޓުން ވަކިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ގައުމުތަކަށް ބާރުއެޅުއްވި ނަމަވެސް، އދ. ގެ އާންމު މަޖިލީހުގެ ތެރެއިން އެކަމަށް އިޖާބަދީފައިވަނީ ހަމައެކަނި ޕެސިފިކްގެ ކުޑަ ޖަޒީރާ ގައުމެއް ކަމަށްވާ ނައޯރޯއިންނެވެ.
އައިސީސީގެ އަސާސީ ގަވާއިދު ކަމަށްވާ ރޯމް ސްޓެޓިއުޓް ބަލައިގެންފައިނުވާ އެމެރިކާ އަދި އިސްރާއީލު ފަދަ ގައުމުތަކުގެ ރައްޔިތުންގެ މައްޗަށް ބާރު ހިންގަން އުޅޭ ކަމަށް ބުނެ، ވޮޝިންޓަނުން ދަނީ އެ ކޯޓާ ދެކޮޅަށް ފިޔަވަޅުތަކާއި ފިއްތުންތައް ވަރުގަދަކުރަމުންނެވެ.
އައިސީސީގެ ބޭނުންތެރިކަން ކުޑަވަމުންދާތީ އެ ކޯޓުން ވަކިވާނެކަން ނައޯރޯގެ ރައީސް ޑޭވިޑް އަދިއަންގް އިއުލާނުކުރައްވާފައިވާއިރު، މީގެ ކުރިން ވެނެޒުއޭލާ، ޗާޑް، ބުރްކީނާ ފާސޯ، މާލީ އަދި ނީޖާއިން ވެސް ވަނީ ވަކިވާނެކަން ހާމަކޮށްފައެވެ.
އައިސީސީ އުވާލުމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ކެމްޕޭނެއް ފައްޓަވާފައިވާއިރު، ޣައްޒާ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރު ނެރުމުން ޓްރަމްޕް ވަނީ އޭނާ ހިމާޔަތްކުރުމަށް މި ކެމްޕޭން އަމާޒުކުރައްވާފައެވެ.
އެމެރިކާގެ ފިއްތުންތަކާ ދެކޮޅަށް، ވިލާތުގެ އިއްތިހާދާއި 125 ގައުމަކުން ބައިވެރިވާ މުއާހަދާގެ މެންބަރުން ވަނީ އައިސީސީގެ ދިފާއުގައި ތެދުވެ، އެންމެ ބޮޑެތި ޖަރީމާތަކަށް އަދަބު ދިނުމާ ދެކޮޅު ނުހެދޭނެ ކަމަށް ބުނެފައެވެ. މީގެއިތުރުން، އެމެރިކާއިން އަޅާ ފިޔަވަޅުތަކުން ކޯޓު ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ ގޮތުން ހުރަސްއެޅުމުގެ ޚާއްޞަ ޤަވާއިދެއް އެކުލަވާލުމުގެ އިޚްތިޔާރު ލިބިގެންވާ ކަމަށް އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސްވެރިޔާ ކާޖާ ކައްލާސް ވަނީ ވިދާޅުވެފައެވެ.
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ އައިސީސީގެ ރައީސް ނިސްބަތްވާ ޖަޕާނުން ވަނީ ގާނޫނުގެ ވެރިކަމަށް އަބަދުވެސް އަހައްމިއްޔަތުކަން ދޭނެކަން ފާހަގަކޮށް، ކޯޓަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
ޓްރަމްޕްގެ ސަރުކާރުން އައިސީސީގެ މުވައްޒަފުންނާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކަކީ ރަޝިޔާގެ ރައީސް ޕޫޓިންގެ ވިސްނުމާ އެއްގޮތް، އަދި އޭގެ ސަބަބުން ޕޫޓިންއަށް ފައިދާ ކުރާނެ ކަމެއް ކަމަށް އިންޓަރނޭޝަނަލް ކްރައިސިސް ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



