Tuesday, October 6
އިސްރާއީލުގެ ސިޔާސަތުތަކުގެ ސަބަބުން ފަލަސްޠީނު މީހުންގެ "ވުޖޫދަށް" ނުރައްކާވެފައިވާ ކަމަށް އައްބާސް ވިދާޅުވެއްޖެ

އިސްރާއީލުގެ ސިޔާސަތުތަކަކީ ދެ ދައުލަތުގެ ޙައްލު ފުނޑުފުނޑުކޮށްލުމުގެ އިތުރުން، ފަލަސްޠީނުގެ ރައްޔިތުންގެ ވުޖޫދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ރައީސް މަޙްމޫދު އައްބާސް އދ. ގެ ޢާންމު މަޖިލީހުގައި ވިދާޅުވެއްޖެއެވެ. އެމެރިކާއިން ވިސާ ނުދިނުމުގެ ސަބަބުން މި ބަޔާނަކީ ކުރިން ރެކޯޑުކޮށްފައި ފޮނުވި ބަޔާނެކެވެ.

އައްބާސް ފާހަގަކުރެއްވި ގޮތުގައި ފަލަސްޠީނުގެ ރައްޔިތުން ތަޙައްމަލު ކުރަމުންދަނީ ތާރީޚުގައި ދުށް އެންމެ ނުރައްކާތެރި ދުވަސްވަރެވެ. އަދި އިސްރާއީލުން މީހުން މެރުމާއި، ބަނޑަށް ޖެއްސުމާއި، ގެދޮރު ނައްތާލުމުގެ ތެރެއިން ނަސްލުހޭދު ކުރުމުގެ ޢަމަލުތަކެއް ހިންގަމުންދާ ކަމަށާއި، ޣައްޒާގެ ޢާންމު ޚިދުމަތްދޭ ތަންތަނާއި އަޅުކަންކުރާ ތަންތަން ސުންނާފަތިކޮށް ދިރިއުޅުމުގެ އަސާސްތައް ފުނޑުފުނޑު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގާ ޙަރަކާތްތަކަކީ "ނުބައި އިސްތިޢުމާރީ ރޭވުމެއް" ކަމަށް ސިފަކުރައްވައި އައްބާސް ވިދާޅުވީ، ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް އިސްރާއީލުން ޔަހޫދީ އާބާދީތައް ބިނާކުރަމުންދާތީ މައިދާނުގައިވާ ޙަޤީޤަތްތައް ކޮންމެ ދުވަހަކުވެސް ބަދަލުވަމުންދާ ކަމަށެވެ. އަދި ދެ ދައުލަތުގެ ޙައްލު ސަލާމަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ފަލަސްޠީނުގެ ބިންތަކާއި އެ ބިމުގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރިކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އިންތިޤާލީ މަރުޙަލާ ނިމެންވާނީ ޣައްޒާއާއި ހުޅަނގު އައްސޭރި އެއްކޮށްލެވި، އެއް ޤާނޫނީ ހަތިޔާރުއެޅި ބާރެއް އޮންނަ އެއް ދައުލަތެއްގެ ދަށަށް ގެނެވިގެން ކަމަށް އައްބާސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ޤައުމީ އިޞްލާޙީ ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށާއި، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ނޮވެމްބަރު 28 ގައި ބޭއްވުމަށް ރާވަމުންދާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.

ޣައްޒާގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ތާއީދާއެކު ކުރިއަށްގެންދާ ސުލްޙައިގެ މަސައްކަތްތަކަށް އިސްރާއީލުން ހުރަސްއަޅަމުންދާ ކަމަށް ހަމާސްއިން ވަނީ ތުހުމަތުކޮށްފައެވެ. އަދި ހަތިޔާރު ބެހެއްޓުމާއި، އިދާރީ ހިންގުން ޤައުމީ ކޮމިޓީއަކާ ޙަވާލުކުރުމާއި ސިފައިން ފޭބުން ހިމެނޭ 15 ނުކުތާގެ މަގުޗާޓަށް ޢަމަލުކުރުމަށް ހަމާސް އޮތީ ތައްޔާރަށް ކަމަށް އެ ޖަމާޢަތުން ބުނެއެވެ.

އިސްރާއީލުން ހަމަލާތައް އިތުރުކޮށް އެއްބަސްވުންތަކަށް އިންކާރުކުރަމުންދާއިރު، ބައިނަލްއަޤްވާމީ މަންދޫބުންނަށް ވެސް އިސްރާއީލަށް ބާރުފޯރުވުމުގައި ވަނީ ނާކާމިޔާބުވެފައެވެ. މިފަދަ ސަބަބުތަކާ ހުރެ ހަނގުރާމަ ހުއްޓާލުމާއި ދެ ދައުލަތުގެ ޙައްލު ޤާއިމުކުރުމުގެ އުންމީދުތައް ދަނީ ފަނޑުވަމުންނެވެ.

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު