ޗައިނާއާއި ރާއްޖޭގެ ގުޅުމަކީ ތަރައްޤީއާއި، ފުރުޞަތުތަކާއި އަދަށްވުރެ ފަހި މުސްތަޤްބަލަކަށް އެޅިގެންދާ ބްރިޖްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނުތާ 77 އަހަރު ފުރުމާއި މިޑް އޯޓަމް ފެސްޓިވަލް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޙަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޗައިނާއާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ދެޤައުމުގެ މި ގުޅުން ބިނާވެފައިވަނީ، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، އިސްތިޤްލާލީ ހަމަހަމަކަމާއި، ސުލްޙަވެރިކަމާއެކު އެއްތަނެއްގައި ދިރިއުޅުމާއި، އަދި ވަން ޗައިނާ ޕްރިންސިޕަލް ދެމެހެއްޓުމުގައި ރާއްޖެއިން ދޭ އަހަންމިއްޔަތުކަން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި، 2025ގައި އެމަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި، އެއްބަސްވެވުނު "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް"ގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ވާސިލްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ޤައުމީ ތަރައްޤީގައި ޗައިނާއިން އަދާކުރަމުންދާ ދައުރަށް ބައްލަވާލައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޒަމާނީ އާބަން މަޝްރޫޢުތަކާއި،ރަށްރަށުގެ ދެމެހެއްޓެނިވި ބިނާވެށިކަމާއި، ތަޢުލީމާއި، ފަންނީ ތަމްރީނުގެ ފުރުޞަތުތަކާއި، އިދާރާތަކަށް ފޯރުކޮށްދޭ އެހީތެރިކަމަށް ބައްލަވާލެއްްވިއެވެ. އަދި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި، ގެދޮރުވެެރިކަމުގެ މަޝްރޫޢުތަކުގެ އިތުރުން ދެގައުމުގެ ދެމެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީއޭ) އޮތްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބައިނަލްއަޤްވާމީ ގޮންޖެހުންތަކަށް އިޝާރާތްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ނުތަވަސްކަމުގެ ސަބަބުން، ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ނުރައްކާއަށް ބައްލަވާލައްވާފައެވެ.
މިފަދަ ގޮންޖެހުންތަކާއި ދެކޮޅަށް ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުގައި މަޝްވަރާއާއި، އެއްބާރުލުމާއި، ދެފަރާތަށް އިޙްތިރާމްކުރުމާއި، އިތުބާރުގެ މުހިންމުކަން ފާހަގަކުރައްވައި ސުލްޙައަކީ ތަރައްޤީއަށް ޖާގަ އުފެދޭ ކަމެއް ކަމަށާއި ހަމަޖެހުމަކީ ތަނަވަސްކަމުގެ ބިންގާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާގެ ފޯ ގްލޯބަލް އިނީޝިއޭޓިވް ހިމެނޭހެން ދެޤައުމުގެ ގުޅުން
އިތުރަށް ފުޅާކުރުމާއި، ރާއްޖޭގެ ތަރައްޤީގެ އަމާޒުތަކުގެ މައްޗަށް ދެޤައުމުގެ ގުޅުން ބައްޓަންކުރުމުގެ މައްޗަށް ބައްލަވާލައްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށާއި، ސަރުކާރާއި، ޗައިނާގެ ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައި، ޗައިނާގެ ކުރިމަގަށް އަދަށްވުރެ ރޯޝަނީ މުސްތަޤްބަލަކަށް އެދިވަޑައިގަންނަވަމުންނެވެ.
މިރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގް ޝިންހުއާގެ އިތުރުން ދެޤައުމުގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން



