މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ޤައުމުގެ މެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުމުގެ އަސާސަކީ އެއް ޢަޤީދާއަކާއި، އެއްގޮތް އުޞޫލުތަކުގެ އިތުރުން، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި އިސްލާމީ އުޚުއްވަތްތެރިކަން ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ތަރައްޤީއަށާއި، ޚާއްޞަކޮށް 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ސަޢޫދީން ވެދެއްވި ދީލަތި އެހީތެރިކަމަށްޓަކައި އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ ޤިޔާދަތުގެ ދަށުން އިޤްތިޞާދު ސިންދަފާތުކުރުމާއި، އީޖާދީ މަސައްކަތްތަކާއި، ޢުމްރާނީ ތަރައްޤީގެ ރޮނގުން އެ ޤައުމުން ހޯދަމުންދާ ކާމިޔާބީތަކަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
ރާއްޖޭގައި އިންވެސްޓްކުރުމުގެ މާޙައުލު އިތުރަށް ފަހިކޮށްދީ، ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމާއި، ޞިއްޙީ ދާއިރާއާއި، މަސްވެރިކަމުގެ އިތުރުން އިއާދަކުރަނިވި ހަކަތައާއި ދަތުރުފަތުރުގެ ދާއިރާއިން ސަޢޫދީގެ ވިޔަފާރިވެރިންނަށް ފުޅާ ދާއިރާއެއްގައި ބައިވެރިވެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުމުގެ ތެރެއިން "ޗާޓަރ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ގައި ސޮއިކުރެވިފައިވާކަން ފާހަގަކުރައްވަމުން، އެކްސްޕޯ 2030 ރިޔާޟްގައި ރާއްޖެއިން ބައިވެރިވުމަކީ ގުޅުންތައް އިތުރަށް ބަދަހިވާނެ ކަމެއްކަމަށް ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ޞުލްޙައާއި އިސްލާމީ އުންމަތަށް ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ސަޢޫދީއާއެކު ގާތުން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވަމުން، ރައީސްގެ ވާހަކަފުޅަށްފަހު ސަފީރު ވަނީ އެމަނިކުފާނަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ޙަފްލާގައި ދެ ޤައުމުގެ ގުޅުމާއި ސަޢޫދީގެ ތަރައްޤީ ދައްކުވައިދޭ ވީޑިއޯތަކެއްވެސް ވަނީ ދައްކާފައެވެ.






