Tuesday, October 6
އިސްރާއީލުން ފަލަސްތީނުގެ ޒައިތޫނި ދަނޑުތައް ހަލާކުކޮށްލައިފި

ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަﷲ ކައިރީގައިވާ ދައިރު ނިޡާމް އަވަށުގައި، އަހަރީ ޒައިތޫނި ކެނޑުމުގެ މޫސުމަށް ދަނޑުވެރިން ތައްޔާރުވަމުން ދަނިކޮށް އިސްރާއީލު ސިފައިންގެ ބުލްޑޯޒަރުތަކުން ގިނަ އަދަދެއްގެ ޒައިތޫނި ގަސްތައް މުލުން ލުހެ ސުންނާފަތިކޮށްފިއެވެ.

ވަފާ އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ އަދި އަންގާރަ ދުވަހު ހިންގި މި އަމަލުގައި ދަނޑުވެރިއެއް ކަމަށްވާ އަބްދުލް ފައްތާޙް ތަމީމީގެ އާއިލީ ބިމާއި އަވަށްޓެރިންގެ ބިންތަކުގައި ހުރި ޒައިތޫނި ގަސްތައް ވަނީ އެއްކޮށް ހަލާކުކޮށްލާފައެވެ.

އިސްރާއީލު ސިފައިން ޒައިތޫނި ގަސްތައް ސުންނާފަތިކުރި ނަމަވެސް، ފުރާނައިން ގުރުބާންވެގެންވެސް ބިމުގައި ސާބިތުވެ ތިބޭނެ ކަމަށާއި، ގަސްތައް އަލުން އިންދާނެ ކަމަށް ދަނޑުވެރިއެއް ކަމަށްވާ އަބްދުލް ފައްތާޙް ތަމީމީ ބުނެފައިވެއެވެ.

އެހެން ދަނޑުވެރިއެއް ކަމަށްވާ ނާޡިރު ތަމީމީ ފާހަގަކުރި ގޮތުގައި، މި ސުންނާފަތިކުރުން މި ދަނޑިވަޅުގައި ހިންގާފައިވަނީ އެންމެ ބޮޑު ގެއްލުމެއް ދިނުމަށެވެ. އަދި އޭނާގެ އާއިލާއިން އަހަރަކު ގާތްގަނޑަކަށް 120 ޑްރަމްގެ ޒައިތޫނި ތެޔޮ އުފައްދާ ބިމުގައި ހުރި ގޭގެ ދޭތެރޭގެ ގަސްތައް ހިމެނޭހެން ހުރިހާ ގަހެއް އިސްރާއީލު ސިފައިން ވަނީ މުލުން ލުހެލާފައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ރޮއިޓާސްގެ އެދުމަށް ވަގުތުން ޖަވާބެއް ދީފައި ނުވާއިރު، މާޒީގައި ސަލާމަތީ ސަބަބުތައް ދެއްކި ނަމަވެސް މިއީ ދަނޑުވެރިންގެ އާމްދަނީއާއި ބިމާ އޮތް ގުޅުން ކަނޑާލުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށް ފަލަސްތީނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނެއެވެ.

ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓެންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް މަހު އިސްރާއީލުން ދިން ހަމަލާތަކުގައި 19,375 ޒައިތޫނި ގަސް ހިމެނޭހެން 21,508 ގަހަކަށް އަސަރުކޮށްފައިވާއިރު، މިއަހަރުގެ ޒައިތޫނި އުފެއްދުންތެރިކަން ގާތްގަނޑަކަށް 21,000 ޓަނަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު