Tuesday, November 10
އައު ގާނޫނުގެ ދަށުން ޑޮލަރު މާރުކުރުމުގެ ސުންގަޑި އަންނަ މަހު
ބޭރު ފައިސާއާ ބެހޭ އައު ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު، ރާއްޖޭގައި ހިންގާ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން ކަނޑައެޅޭ ވަކި މިންވަރެއް ރަސްމީ ބޭންކިންގ ނިޒާމުގެ ތެރެއިން މާރުކުރަންޖެހޭ މުއްދަތު އަންނަ އޮކްޓޫބަރު މަހުގެ 28 އަށް ހަމަވާނެއެވެ. މި އިސްލާހުގެ ދަށުން، ކުރިން ތިން މަހުން އެއްފަހަރު ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ކޮންމެ މަހަކުވެސް ވޭތުވެދިޔަ މަހުގެ އާމްދަނީން ކަނޑައެޅިފައިވާ މިންވަރު ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން މާރުކުރަންޖެހޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އައު އުސޫލުގެ ދަށުން، ކެޓަގަރީ "އޭ" ގައި ހިމެނޭ ރިސޯޓު ފަދަ ތަންތަނުން މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރުން ލާޒިމުކޮށްފައިވާއިރު، ކެޓަގަރީ "ބީ" ގެ ގެސްޓްހައުސް ފަދަ ތަންތަނުން މާރުކުރަންޖެހެނީ ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ ޖުމްލަ އާމްދަނީގެ 20 އިންސައްތައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އަހަރަކު 25 މިލިއަން ޑޮލަރަށްވުރެ އިތުރަށް އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތަކުން ޖުމްލަ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، ސައްތައިން ސައްތަ ދިވެހި ވިޔަފާރިތަކުން މާރުކުރަންޖެހޭނީ އާމްދަނީގެ 7 އިންސައްތައެވެ.

މި ހުރިހާ ފައިސާއެއްވެސް އެމްއެމްއޭއިން ހުއްދަދީފައިވާ ބޭންކެއް މެދުވެރިކޮށް، އެ އޮތޯރިޓީން ކަނޑައަޅާފައިވާ ރަސްމީ ރޭޓުތަކުގައި މާރުކުރަންޖެހޭނެއެވެ. ރަސްމީ ރޭޓަށްވުރެ މަތީ އަގުތަކުގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމުގެ އިތުރުން އެފަދަ ކަންކަން އިޝްތިހާރުކުރުން ވަނީ މަނާކޮށްފައެވެ. މި ގާނޫނާ ހިލާފުވާ އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއިރު، ކުންފުނިތަކާއި ވިޔަފާރިތައް އެއް ލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު