އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވެނެޒުއެލާގެ ވަގުތީ ރައީސް ޑެލްސީ ރޮޑްރިގޭޒްއާ އަންގާރަ ދުވަހުގެ ރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބައްދަލުކުރައްވައިފިއެވެ. މިއީ މިދިޔަ ޖެނުއަރީ މަހު އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި ވެނެޒުއެލާގެ އޭރުގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރި ފަހުން މި ދެބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ރޮޑްރިގޭޒް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެމެރިކާއަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅުގައި ބުދަ ދުވަހުގެ މެންދުރުފަހު އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޓްރަމްޕް ބޭއްވެވި ރިސެޕްޝަނެއްގެ ތެރެއިން ބޭއްވި މި ބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ފަދަ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މަޝްވަރާތަކަށްފަހު ރޮޑްރިގޭޒް ވިދާޅުވީ، "ވެނެޒުއެލާ އާއި އެމެރިކާއަކީ ތާރީޚީ ގުޅުމެއް އޮތް ދެ ގައުމު. އަދި މި އައު މަރުހަލާގައި، ވާހަކަދައްކައިގެން ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެންނަށް މިވަނީ ޖެހިފައި،" ކަމަށެވެ. އަދި ވެނެޒުއެލާގެ ވަފުދުން ދަނީ އެމެރިކާގެ އޮފިޝަލުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ހަކަތަ، މައިނިންގ އަދި ދަރަންޏާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބާއްވަމުންނެވެ.
އާންމު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޓްރަމްޕް ވަނީ މަދޫރޯއަކީ "ގާނޫނުން ބޭރު ޑިކްޓޭޓަރެއް" ކަމަށް ސިފަކުރައްވައި، އޭނާ ހައްޔަރުކުރުމަކީ އެމެރިކާގެ މަސްލަހަތު ހިމާޔަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވެފައެވެ. އަދި ވެނެޒުއެލާއާއެކު ސޮއިކުރެވުނު ތެލުގެ އެއްބަސްވުމަކީ ތާރީޚީ ކަމެއްގެ ގޮތުގައި ފާހަގަކުރައްވައި، އެ ގައުމުގެ ތެލުގެ ސިނާއަތަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ގެނައުމަށް އެދިވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
މި ބައްދަލުވުމާ ދިމާކޮށް އދ. ގެ އިމާރާތް ކައިރިއަށް އެއްވި 50 އަށް ވުރެ ގިނަ ވެނެޒުއެލާގެ ރައްޔިތުން ވަނީ ރޮޑްރިގޭޒްއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާ ކޮށްފައެވެ. މުޒާހަރާގެ ބައިވެރިން ގޮވާލާފައިވަނީ އެ ގައުމުގައި މިނިވަން އިންތިޚާބެއް ބޭއްވުމަށް އެމެރިކާއިން ބާރުއަޅައިދިނުމަށެވެ. އަދި އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ އެއްފަރާތްކޮށް، ވަގުތީ ސަރުކާރާއެކު އެމެރިކާއިން އެއްބަސްވުންތައް ހަދަމުންދާތީ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.
މި ލިޔުން ކިޔާލުމުން



