ތިނަދޫ ސިޓީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މިއީ މަސްތުވާތަކެތި އެތެރެކުރުމާއި އެ ތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި މި އަހަރުގެ ޖުލައި މަހުން ފެށިގެން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ.
މިގޮތުން އަޕަރ ސައުތު ޕޮލިހުގެ ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޓީމާއި، ގދ. ތިނަދޫ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، މަސްތުވާތަކެތި ގިނަ އަދަދަކަށް އެތެރެކޮށް ޓްރެފިކް ކުރާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިނަދޫ ސިޓީ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ 16.25 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހުދުރުވާގެ / ގދ. ތިނަދޫ، ފަޒުލީން މުޙައްމަދު (39އ) އާއި ހުދުރުވާގެ / ގދ. ތިނަދޫ، ޢަޒުލިފު މުޙައްމަދު (30އ) އެވެ. ފުލުހުން ބުނީ މި ދެ މީހުންނަކީ ވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުން ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ފަޒުލީން މުޙައްމަދު 70 ދުވަހަށް އަދި ޢަޒުލިފު މުޙައްމަދު 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މައްސަލަ ތިނަދޫ ޕޮލިހާއި ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން ގުޅިގެން ދަނީ ތަހުގީގުކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން



