ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތިންވަނަ ފިޔަވަހީގެ ދަށުން ވެސްޓް ޕާކް ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ވަނީ ފަށާފައެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މަގުގެ އެއްފަޅި ބަންދުކޮށްފައިވީ ނަމަވެސް، އަނެއް ފަޅި އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ގޮތަށް ވަނީ ހުޅުވާލާފައެވެ. ވިއްސާރަ މޫސުމުގައި އެންމެ އަވަހަށް ފެންބޮޑުވާ ވެސްޓް ޕާކް ސަރަޙައްދުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް، ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާއިރު، މަގު ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫޢުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ 1.145 ކިލޯމީޓަރުގެ ސަރަޙައްދު ފަޅުތެރެއިން ބައެއް ހިއްކައިގެން ހަތަރު ލޭނަށް ފުޅާކޮށް، ތާރުއަޅައި، ދުވާރާއި ފެންހިންދާ ނިޒާމުގެ އިތުރުން 500 ސައިކަލުގެ ޕާކިން ޒޯނަކާއެކު ތަރައްގީކޮށް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. މީގެ ސަބަބުން އެ ސަރަޙައްދުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ދެން ތަރައްގީކުރާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާއި ހަމައަށް އޮންނަ ސަރަޙައްދެވެ.
ބަރު އުޅަނދުތަކުގައި މުދާ އުފުލާ އެމްޕީއެލް ސަރަޙައްދަކީ މަގުގައި އެންމެ ބޮޑަށް އަޑިގުޑަންތައް ހުރި ސަރަޙައްދު ކަމުން ދަތުރުފަތުރު ކުރުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "ދަ ޕަލްސް" ޕޮޑްކާސްޓުގައި އިއުލާންކުރެއްވި ގޮތަށް މި ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާއިރު، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުވެސް އަންނަނީ ހިންގަމުންނެވެ. ސަރުކާރުން އަމީނީ މަގު މަރާމާތުކުރުމާއި، ޗައިނާ ސަރުކާރުގެ އެހީގައި މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާއިރު، ބޮޑުތަކުރުފާނު މަގުގެ މުޅި މަޝްރޫޢު ނިންމައި އަންނަ ނޮވެންބަރު މަހުގެ ތެރޭގައި އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން އަންނަނީ އަމާޒު ހިފަމުންނެވެ.
މި ލިޔުން ކިޔާލުމުން



