ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު ތަރައްޤީގެ މަޝްރޫޢުގެ ގޮތުގައި ރަސްމާލޭގައި 20 ބިލިއަން އެމެރިކާ ޑޮލަރުގެ ވޯޓާފްރަންޓަކާއި މެރީނާއެއް ތަރައްޤީކުރުމަށް ޔޫ.އޭ.އީގެ މަޝްހޫރު "އީގަލް ހިލްސް" ކުންފުންޏާއެކު ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ޖުމްލަ ޖީޑީޕީ 8.13 ބިލިއަން ޑޮލަރު އަށްވުރެ ދެގުނަ ބޮޑު މި އިންވެސްޓްމަންޓްގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރެވެ.
މި މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ މެހެމާންދާރީއާއި، މަތީ ފަންތީގެ ބޯހިޔާވަހިކަމާއި، މަޝްހޫރު ބްރޭންޑްތަކުގެ ރެސިޑެންސްތަކުގެ އިތުރުން މެރީނާއަކާއި، ވިޔަފާރިއާއި، ތަޢުލީމީ އަދި ސިއްޙީ ޚިދުމަތްތައް ހިމެނޭ ފުރިހަމަ ދިރިއުޅުމުގެ ވެއްޓެއް ތަރައްޤީކުރެވޭނެއެވެ. މީގެއިތުރުން ހުޅުމާލޭގައި 5,000 ހައުސިންގ ޔުނިޓް އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވީ ރާއްޖެއަކީ ގުދުރަތީ ގޮތުންނާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވަރަށް ޚާއްޞަ ތަނެއް ކަމަށާއި، މި މަޝްރޫޢު ކުރިއަށްގެންދާނީ ތިމާވެއްޓާއި އިޖުތިމާއީ އަދި އިޤްތިޞާދީ އެންމެ މަތީ މިންގަނޑުތަކަށް އަމަލުކޮށް، ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ވަޒީފާގެ ފުރުޞަތުތަކާއި ވިޔަފާރީގެ ދޮރުތައް ހުޅުވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވި ގޮތުގައި އީގަލް ހިލްސްއަކީ ޑައުންޓައުން ދުބާއީ ފަދަ ބޮޑެތި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާފައިވާ އިތުބާރުހުރި ބައިވެރިއެކެވެ. މިއީ ދައުލަތަށް އެއްވެސް ދަރަނިއެއް ނެތި، 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، ދިވެހި އާއިލާތަކަށް އެތައް ހާސް ބޯހިޔާވަހިކަމެއް ލިބިގެންދާނެ ބިޔަ އިންވެސްޓްމަންޓެކެވެ.
މި ލިޔުން ކިޔާލުމުން



