ދިވެހިރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ވޯޓަރ ފްރަންޓް އަދި މެރީނާއެއް ތަރައްޤީކުރުމަށްޓަކައި، ދިވެހި ސަރުކާރާއި ޔޫއޭއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ދެމެދު 20 ބިލިއަން އެމެރިކާ ޑޮލަރުގެ ބިޔަ މަޝްރޫޢެއްގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ރަސްމާލެ ސަރަޙައްދުގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ އެންމެ އުންމީދީ އެއް ތަރައްޤީގެ މަޝްރޫޢެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި މަޝްރޫޢުގެ މައިގަނޑު ތަޞައްވުރާއި ވިޔަފާރީގެ އަސާސީ އުޞޫލުތައް ބަޔާންކޮށްފައިވާއިރު، މަޝްރޫޢު ކުރިއަށްދާ ވަރަކަށް ތަފްޞީލީ އެއްބަސްވުންތައް އެކުލަވާލެވޭނެއެވެ. އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރާއްޖޭގެ މުސްތަޤުބަލަށް ބޮޑު ބަދަލެއް ގެނުވާނެ ދިގު ރާސްތާގެ ތަޞައްވުރެކެވެ.
މި މަޝްރޫޢާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލައްބާރު ވިދާޅުވީ، ރާއްޖެއަކީ ގުދުރަތީ ރީތިކަމާއި ދުނިޔޭގެ މަޤުބޫލުކަން ލިބިފައިވާ ވަރަށް ޚާއްޞަ ޤައުމެއް ކަމަށާއި، އެ ކުންފުނީގެ އުންމީދަކީ އެ ރީތިކަމުގެ ބޭނުން ހިފައިގެން ދުނިޔޭގެ ފެންވަރުގެ ފާހަގަކޮށްލެވޭ މަންޒިލެއް ބިނާކުރުން ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ ފަތުރުވެރިކަމާއި، ވޯޓަރ ފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަރައްޤީކުރާ މި މަޝްރޫޢުގައި، ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓާލިޓީ، ޕްރީމިއަމް ރެސިޑެންސްތައް، ބްރޭންޑެޑް ރެސިޑެންސްތައް، ދުނިޔޭގެ ފެންވަރުގެ މެރީނާ، މުނިފޫހިފިލުވުމާއި، ވިޔަފާރިކުރުމާއި، ކެއިންބުއިމުގެ ޚިދުމަތްތަކުގެ އިތުރުން، ދުޅަހެޔޮކަމާއި، ތަޢުލީމާއި، ޞިއްޙީ ޚިދުމަތާއި އިޖުތިމާޢީ ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، އީގަލް ހިލްސްއަކީ ޑައުންޓައުން ދުބާއީން ފެށިގެން ބެލްގްރޭޑް ވޯޓަރ ފްރަންޓާ ހަމައަށް ތިން ބައްރެއްގައި ސިޓީތައް ބިނާކުރުމުގެ ބޮޑު ތަޖުރިބާލިބިފައިވާ، ދުނިޔޭގެ އިތުބާރު ހޯދާފައިވާ ބައިވެރިއެއް ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީޚުގައި ކުރިއަށްގެންދާ އެންމެ ބޮޑު އިންވެސްޓްމަންޓް ޕްރޮގްރާމް ކަމަށާއި، މީގެ ސަބަބުން 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދި، ދިވެހި ޢާއިލާތަކަށް އެތައް ހާސް ބޯހިޔާވަހިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުން ދަރަނި ނުނަގައި، ދައުލަތަށް ސީދާ އާމްދަނީ ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ މަޝްރޫޢެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ސަބަބުން އަހަރަކު އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު 2 ބިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ލިބޭނެކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، މަޝްރޫޢުގެ މުއްދަތުގައި 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ލިބި، ކޮންސްޓްރަކްޝަން، ރީޓެއިލް، މެރިން ސަރވިސަސް އަދި ޓެކްނޮލޮޖީގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
މި މަޝްރޫޢު ރޭވުމާއި ތަންފީޒުކުރުމުގައި ރާއްޖޭގެ ނާޒުކު ތިމާވެށްޓަށް ޚާއްޞަ އިސްކަމެއްދީ، ދެމެހެއްޓެނިވި ތަރައްޤީގެ އުޞޫލުތަކަށް ބޯލަނބާނެއެވެ.
މިނިސްޓަރ މުއްޠަލިބް ނިންމަވާލައްވަމުން ވިދާޅުވީ، މި މަޝްރޫޢަކީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެއަކީ މަތީ އާމްދަނީ ލިބޭ ޤައުމަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަބޫދާބީގައި އުފެދުނު އީގަލް ހިލްސްއަކީ ދުނިޔޭގެ 18 އަށްވުރެ ގިނަ ޤައުމުގައި މަސައްކަތްކުރާ އަދި 45 ހޮޓަލުގެ ޕޯޓްފޯލިއޯއެއް އޮތް ބައިނަލްއަޤުވާމީ ފެންވަރުގެ ބޮޑު ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކުންފުންޏެކެވެ.
މި ލިޔުން ކިޔާލުމުން



