މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް އަގުބޮޑުކޮށް އޭސީތަކެއް ގަތް މައްސަލައެއްގައި، އެ ކުންފުނީގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދާއި ކުރީގެ ޕްރޮކިއުމަންޓް ހެޑް ޢަބްދުލްވައްހާބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ނިންމައިފިއެވެ.
އޭސީސީން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައަކީ 2016 އަދި 2017 ވަނަ އަހަރު، އެމްޕީއެލް އިން 18 އެއަރކޮންޑިޝަން ޔުނިޓް (އޭސީ) ގަތުމުގައި ހިންގާފައިވާ ކޮރަޕްޝަނުގެ މައްސަލައެކެވެ. މި ތަކެތި ގަނެފައިވަނީ އޭރު އެ ކުންފުނިން ޢަމަލުކުރަމުންދިޔަ ސަރުކާރުގެ ކުންފުނިތަކުން މުދަލާއި ޚިދުމަތް ހޯދުމުގައި ޢަމަލުކުރަންޖެހޭ ސްޓްރެޓެޖީ އާއި ގަވާއިދު (2011) އާ ޚިލާފަށް، އާންމުކޮށް އިޢުލާންކުރުމެއްނެތި އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ނިންމުމަކާ ނުލައެވެ.
މީގެއިތުރުން، މި އޭސީތައް ގަނެފައިވަނީ އެ މަސައްކަތުގެ އެއްވެސް ތަޖުރިބާއެއް ލިބިފައިނުވާ އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން އޮތް އަމިއްލަ ފަރުދުންގެ ވިޔަފާރިއަކުން، އެދުވަސްވަރު މާކެޓު ރޭޓަށްވުރެ ބޮޑު އަގުގައި، ޖުމްލަ 1,083,998.00 ރުފިޔާއަށެވެ. އެހެންކަމުން މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް އޭސީސީން ނިންމާފައިވަނީ 16 ސެޕްޓެންބަރު 2026 ގައެވެ.
މި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ފޮނުވަން ނިންމާފައިވަނީ އެމްޕީއެލްގެ ކުރީގެ ސީއީއޯ މުޙައްމަދު ޖުނައިދު (މ.ރީފްވިލާ / ކ.މާލެ) އާއި އެ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް، ޢަބްދުލްވައްހާބު (މ.ހިލްއިންދަގާރޑެން / ކ.މާލެ) ގެ މައްޗަށެވެ.
މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރުމަށް ހުށަހަޅަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ. މީގެއިތުރުން ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާވެސް މި ދެ ފަރާތުގެ މައްޗަށް އުފުލުމަށް ވަނީ ނިންމާފައެވެ.
މި ލިޔުން ކިޔާލުމުން



