ކ. ކާށިދޫ އަދި ކ. ގާފަރަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ ޢާއިލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މިގޮތުން ސީޕީ ވަނީ ޝަހީދު ސާޖަންޓް އާދަމް ޙަލީމްގެ އާއިލާގެ މެންބަރުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު އޮޅުންފިލުއްވައި ވަގުތު ހޭދަކުރައްވާފައެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކްރީއާއި ފުލުހުންގެ ޚިދުމަތުގެ އިސް ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ޝަހީދު ސާޖަންޓް އާދަމް ހަލީމް ގައުމީ ވާޖިބުގައި ފުރާނައިން ގުރުބާންވިތާ 14 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވީ ނަމަވެސް، އެމަނިކުފާނުގެ ގައުމީ ހިދުމަތުގެ ޒިކުރާއަކީ ފުލުހުންގެ މުއައްސަސާގައި އަބަދުވެސް ދިރިދިރި ހުންނާނެ ކަމެއްކަން ކޮމިޝަނަރ ފާހަގަ ކުރެއްވިއެވެ. އަދި ދުވަސްތައް ފާއިތުވެ ދިޔަކަމުގައި ވިޔަސް، ގައުމީ ހިދުމަތުގައި ފުރާނަ ދޫކޮށްލި ފަހުރުވެރި އޮފިސަރުންގެ މަތިން ހަނދާންކުރުމާއި، އެ އޮފިސަރުންގެ އާއިލާތަކާ އޮންނަ ގާތް ގުޅުން ދެމެހެއްޓުމަކީ މުއައްސަސާއިން ހާއްސަ ސަމާލުކަމެއްދޭ ކަމެއްނކަންވެސް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.
ސާވިސް ނަންބަރު 2290، ސާޖަންޓް އާދަމް ޙަލީމަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި 7 އަހަރާއި 5 މަހާއި 27 ދުވަހު އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ރ. އަތޮޅާއި، ބ. އަތޮޅު އަދި ކ. އަތޮޅުގައި އާދަމް ޙަލީމް ވަނީ ޚިދުމަތް ކުރައްވާފައެވެ. ކާށިދޫގައި ޚިދުމަތް ކުރައްވަމުން ގެންދަވަނިކޮށް، ގޭބަންދުގެ އަމުރާ ހިލާފުވި މީހަކު ހުއްޓުވަން އުޅުމުގެ ތެރޭގައި ދިން ހަމަލާއެއްގައި އާދަމް ޙަލީމް ޝަހީދުވެފައިވަނީ 2012 ޖުލައި 23 ގައެވެ. އާދަމް ޙަލީމަކީ ގާނޫނު ތަންފީޒުކުރުމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ދިން އަނިޔާވެރި ހަމަލާއެއްގައި ދިވެހި ފުލުހުންގެ ތާރީހުގައި ޝަހީދުވި ފުރަތަމަ ފުލުހެވެ.
އެ ހާދިސާއާ ގުޅިގެން އެމަނިކުފާނުގެ ރޭންކް ވަނީ ޕޮލިސް ލާންސް ކޯޕްރަލް އިން ޕޮލިސް ސާޖަންޓް ރޭންކަށް ޝަހީދުވުމުގެ ފަހުން އުފުލައި، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑަލް އަރުވާފައެވެ. އަދި އާދަމް ޙަލީމް ޝަހީދުވި ދުވަހާ ގުޅުވައިގެން، 2013 ޖުލައި 23 އިން ފެށިގެން ކޮންމެ އަހަރަކުވެސް "ޕޮލިސް މެމޯރިއަލް ޑޭ" ރަސްމީކޮށް ފާހަގަކުރަމުން އަންނައިރު، މާލޭގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމްގެ ނަންފުޅު ދެއްވާފައެވެ.
މި ލިޔުން ކިޔާލުމުން



