އެމެރިކާއާއެކު ހިނގަމުންދާ ހަނގުރާމަ ނިންމުމަށާއި މަޝްވަރާތައް އަލުން ފެށުމަށް އީރާނުން ބޭނުންވާ ރަސްމީ ޝަރުތުތައް ގަތަރު މެދުވެރިކޮށް ވޮޝިންޓަނަށް ފޮނުވާފައިވާ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގައި މިހާރު އިންތިޒާރު ކުރަމުންދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރަސްމީ ޖަވާބަކަށެވެ.
އީރާނުން އެމެރިކާއަށް ހުށަހެޅި ޝަރުތުތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި، ފްރީޒްކޮށްފައިވާ ފައިސާ ދޫކޮށްލުމުގެ އިތުރުން ކަނޑުމަގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން ހިމެނޭ ކަމަށް ރިޒާއީ ވިދާޅުވިއެވެ. އަދި ޓްރަމްޕްގެ އިންޒާރުތަކުން ނަތީޖާއެއް ނުނިކުންނާނެ ކަމަށާއި އީރާން އޮތީ ހަނގުރާމައަށް ތައްޔާރަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ދެފަރާތުގެ އެމްއޯޔޫގެ މުއްދަތު ހަމަވުމުން ގަތަރާއި ޕާކިސްތާނު މެދުވެރިވެ މަޝްވަރާތައް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، އީރާނުން ވަނީ އެއްފަހަރާ އެތައް ވޯހެޑެއް ފޮނުވާލެވޭ މަނަވަރު ފައްތާލާ މިސައިލެއް ޓެސްޓުކޮށްފައެވެ. އަދި އެމެރިކާއިން ދީފާނެ ހަމަލާއަކަށް ރައްދު ދިނުމުގައި އަސްކަރީ މަރުކަޒުތަކުގެ އިތުރުން ވިޔަފާރި މަސްލަހަތުތަކަށް ވެސް އަމާޒުކުރާނެ ކަމަށް އިންޒާރު ދެއްވިއެވެ.
އީރާނުން ހުށަހެޅި ޝަރުތުތައް ވޮޝިންޓަނުން ބަލައިގަތުމަކީ ދުރުކަމެއް ކަމަށް ޕެންޓަގަންގެ ކުރީގެ އޮފިޝަލް ޑޭވިޑް ޑެސް ރޮޝޭ ވިދާޅުވި ނަމަވެސް، ހަނގުރާމައިގެ ބަދަލު ހޯދުމުގެ ޑިމާންޑް އީރާނުން ދޫކޮށްލުމަކީ ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިއުކްލިއާ ނޮން-ޕްރޮލިފެރޭޝަން ޓްރީޓީ (އެންޕީޓީ) އިން ވަކިވާން އަދި ނުނިންމި ނަމަވެސް، އެމެރިކާގެ އަމަލުތަކުގެ ސަބަބުން ވަކިވާން މަޖުބޫރުވެދާނެ ކަމަށް ރިޒާއީ ވިދާޅުވިއެވެ. މީގެއިތުރުން ޔަމަނު ހަނގުރާމައިގައި ބައިވެރިވުމެއް ނެތް ކަމަށާއި ބާބުލް މަންދަބް ބަންދުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެ، ހޮރުމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު އެއްބަސްވުމަކަށް އައުމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



