ސަޢޫދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ މައި އެއާޕޯޓު ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނިކޮށް، މިސައިލާއި ޑްރޯން ބޭނުންކޮށްގެން ރިޔާޟުގެ މުހިންމު ތަންތަނަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ޙޫޘީން ވަނީ ހާމަކޮށްފައެވެ. އެ ސަރަޙައްދުގެ ތެޔޮ ޓޭންކުތަކެއް ކައިރިން ބޮޑު ދުންގަނޑަކާއި އަލިފާން އަރަމުންދިޔަ މަންޒަރު ފެނިފައިވެއެވެ.
ޙޫޘީން ބުނިގޮތުގައި މިއީ ޔަމަނުގެ ސަންޢާއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ރިޔާޟުގެ އިތުރުން ޔަންބުއުގައި ހުންނަ އަރާމްކޯގެ ފެސިލިޓީއަކަށް ވެސް ހަމަލާދިން ކަމަށް އެ ޖަމާޢަތުން ބުނެފައިވެއެވެ. ނަމަވެސް ސަޢޫދީ ކޯލިޝަނުން ހާމަކުރި ގޮތުގައި ރިޔާޟާއި، ބީޝް، ފަރަސާން، ޠާއިފް އަދި ޔަންބުއުއަށް އަމާޒުކޮށް ފޮނުވާލި މި ހަމަލާތައް ވައިގެ ދިފާޢީ ނިޒާމުން ވަނީ ނާކާމިޔާބު ކޮށްލާފައެވެ.
ސަޢޫދީއަށް އަމާޒުވި ހަމަލާތަކާ ގުޅިގެން ރިޔާޟާއި އަލްޚަރްޖަށް ދިން ވައިގެ އިންޒާރު ނިމުމަކަށް އައިސްފައިވާ ކަމަށް ސިވިލް ޑިފެންސުން އިޢުލާނުކޮށްފައިވާއިރު، އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ޤައުމުގެ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
ސަޢޫދީގެ މި ހާލަތުގައި ދިފާއީ އެއްބަސްވުމުގެ ދަށުން އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް ތުރުކީން ހާމަކޮށްފައިވާއިރު، އީރާނުން ބުނެފައިވަނީ މި ހަނގުރާމަ ނިންމުމަށް އެދޭ ކަމަށާއި އެކަމަށްޓަކައި ޤަތަރާއި ޕާކިސްތާނު މެދުވެރިކޮށް މަޝްވަރާތައް ހިނގަމުންދާ ކަމަށެވެ.
މީގެއިތުރުން، އާންމުންގެ ތަންތަނަށާއި ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ޙޫޘީން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ލިޔުން ކިޔާލުމުން



