ސްޓޭޓް ބޭންކް އޮފް އިންޑިއާ އަށް ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމަށް ބޭންކް އޮފް މޯލްޑިވްސް އިން ފައިސާ ނަގާފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، ސަރުކާރުން ޓީ-ބިލްގެ ދަރަނި އަދާކުރުމުގައި ބޭންކުގެ ކަސްޓަމަރުންގެ ޑިޕޮސިޓް ނުވަތަ ބޭންކުގެ އަމިއްލަ އެއްވެސް ވަސީލަތެއް ބޭނުންކޮށްފައި ނުވާނެ ކަމަށެވެ. އެ މުއާމަލާތަކީ ބޭންކާ ވަކިން ހިނގާފައިވާ ކަމެއް ކަމަށާއި، އޭގެ ސަބަބުން ބޭންކުގެ މާލީ ވަސީލަތްތަކަށް އެއްވެސް އަސަރެއް ކޮށްފައި ނުވާ ކަމުގެ ޔަގީންކަން އެ ބޭންކުން ދެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 17 ވަނަ ދުވަހު އެސްބީއައި އަށް ދެއްކި ފަހު 50 މިލިއަން ޑޮލަރަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު އިން ހަމަޖެއްސި ފައިސާއެވެ. މިއީ 2019 ވަނަ އަހަރު ސަރުކާރުން ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ފެސިލިޓީ ކުރިން ދެ ފިޔަވައްސަކަށް ބަހާލައިގެން ދެއްކުމަށްފަހު، އެ ދަރަނި އެއްކޮށް ޚަލާޞްކުރުމަށް ދެއްކި އެންމެ ފަހު ބައެވެ.
ޤައުމުގެ މާލީ ނިޒާމާ ގުޅޭގޮތުން ޢާންމުން ބަހުސްކުރުމަކީ މުހިންމު ކަމެއް ކަމަށް ގަބޫލުކުރި ނަމަވެސް، ބޭންކެއްގެ މާލީ ހާލަތާ ގުޅޭ ވާހަކަތައް ބިނާވާންވާނީ ކަށަވަރު ކުރެވިފައިވާ ހަގީގަތްތަކުގެ މައްޗަށް ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. އެހެންކަމުން، ބޭންކުގެ މާލީ ހާލަތާ ގުޅޭ މަޢުލޫމާތު އާންމުކުރުމުގެ ކުރިން ކަމާބެހޭ އިދާރާތަކުން ސައްހަކަން ކަށަވަރުކުރުމަށް ސިޔާސީ ބޭފުޅުންނާއި މީޑިއާތަކަށް އެ ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.
ބީއެމްއެލް އިން އިތުރަށް ބުނީ، ހަގީގަތާ ހިލާފު ހަބަރު ފެތުރުމުން ކަސްޓަމަރުންނާއި، ވިޔަފާރިވެރިން އަދި އިންވެސްޓަރުންގެ މެދުގައި ނުތަނަވަސްކަން އުފެދި، ބޭންކިން ދާއިރާއާއި ރާއްޖޭގެ އިގްތިސާދަށް އޮންނަ އިތުބާރު ގެއްލިގެންދާނެ ކަމަށެވެ. އަދި ބޭންކުގެ އަގު ވައްޓާލުމަށް ނުވަތަ ގެއްލުންދިނުމަށް ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
މި ލިޔުން ކިޔާލުމުން



