ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަހައްދުގައި ހިމެނޭ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސުގެ ކޯހާތު ސިޓީގެ ޕޮލިސް ހެޑްކުއާޓާސްގެ މިސްކިތަކަށް ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއަކާއި ބަޑީގެ ކުރިމަތިލުމެއްގައި މަދުވެގެން 31 މީހުން މަރުވެ، އިތުރު ބަޔަކު ޒަޚަމްވެއްޖެއެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންގެ 16 އޮފިސަރަކު ވެސް ހިމެނެއެވެ.
ހުކުރު ނަމާދުގެ ވަގުތުގައި ގޮވާތަކެތި ހުރި ކާރެއް މިސްކިތުގެ ދޮރާއްޓަށް ވައްދައި ގޮއްވާލުމަށްފަހު، ހަތިޔާރުއެޅި ބަޔަކު ފުލުހުންގެ ކޮމްޕައުންޑަށް ވަންނަން މަސައްކަތްކޮށް ބަޑީގެ ކުރިމަތިލުމެއް ހިނގާފައިވެއެވެ. މި ކުރިމަތިލުންތަކުގައި ހަމަލާދިން މީހުންގެ ތެރެއިން މަދުވެގެން ހަ މީހަކު ވަނީ މަރުވެފައެވެ.
މި ހާދިސާގައި 75 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ނަމާދަށް ތިބި މީހުންނެވެ. އަދި މި ހަމަލާގެ ސަބަބުން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ލިބި، ޕޮލިސް ސްޓޭޝަންގެ ބޭރު ފާރު ވަނީ ވެއްޓިފައެވެ.
ކޯހާތުގައި ދިން ހަމަލާގެ ޒިންމާ ޕާކިސްތާން ތާލިބާން (ޓީޓީޕީ) ގެ ކޮމާންޑަރު ޙާފިޡް ގުލް ބަހާދުރުއާ ގުޅުން އޮންނަ "އިއްތިހާދުލް މުޖާހިދީން" ޖަމާއަތުން ވަނީ އުފުލާފައެވެ. މި ހަމަލާ ދީފައިވަނީ ހަންގޫ ޑިސްޓްރިކްޓުގައި ސަލާމަތީ ބާރުތަކަށް ހަމަލާދީ ހަ ސިފައިން މަރާލުމާއި، ސިފައިން ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ 10 މީހަކު މަރާލިތާ އެއް ދުވަސް ފަހުންނެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި ރެސްކިއު މަސައްކަތްތައް އަވަސްކުރުމަށް އަންގަވާފައިވާއިރު، އިންޓީރިއާ މިނިސްޓްރީން ވަނީ މިފަދަ ފިނޑި އަމަލުތަކުން ގައުމުގެ އަޒުމް ބަލިކަށި ނުކުރެވޭނެ ކަމަށް ބުނެފައެވެ.
މި ލިޔުން ކިޔާލުމުން



