ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމްގެ ދަށުން ގުޅީފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބުނު މީހުންގެ ތެރެއިން 1،996 ފަރާތަކަށް މިހާތަނަށް ބިން ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކަށް ބިން ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި" ޕޯޓަލް މެދުވެރިކޮށް މިހާރު ލިބޭނެއެވެ. އަދި ތިލަމާލެ ބްރިޖް މަޝްރޫއަށާއި އެކި ބޭނުންތަކަށް ދޫކޮށްފައިވާ ސަރަހައްދުތަކުގައި ހުރި ގޯތިތައް، އެ ބިންތައް ހުސްވިހާ އަވަހަކަށް ހަވާލުކުރަމުންދާނެއެވެ.
ގުޅީފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ 3،548 ޕްލޮޓުގެ ތެރެއިން 3،086 ރަޖިސްޓަރީ މިހާތަނަށް ވަނީ ދޫކޮށްފައެވެ. އަދި އޭގެ ތެރެއިން 1،393 ފަރާތަކަށް ބިން ހަވާލުކުރެވިފައިވާއިރު، މިއީ ހަވާލުކުރަންޖެހޭ ބިމުގެ 39.3 އިންސައްތައެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ޕްލޮޓުގެ ތެރެއިން 641 ރަޖިސްޓަރީ ދޫކޮށްފައިވާއިރު، 603 ފަރާތަކަށް ވަނީ ބިން ހަވާލުކޮށްފައެވެ. މިއީ ހަވާލުކުރަންޖެހޭ ބިމުގެ 86 އިންސައްތައެވެ. މިނިސްޓްރީން ބުނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތީގެ ރަޖިސްޓަރީއާ ހަވާލުވުމުން، ބިމުގެ އިން ވަކިކުރުމަށްފަހު ބިމާ ހަވާލުވުމަށް އެފަރާތްތަކަށް އަންގަމުންދާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން



