Thursday, November 5
ކުރީ ސަރުކާރުން އެސްބީއައި މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓީ-ބިލު ދައްކައި ޚަލާސްކޮށްފި

ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސް.ބީ.އައި) މެދުވެރިކޮށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލު އެއްކޮށް ދައްކައި ސަރުކާރުން މިއަދު ޚަލާސްކޮށްފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރު އެކި ފަހަރު މަތިން ނަގާފައިވާ މި ފެސިލިޓީގެ ތެރެއިން ބާކީ ދައްކަން އޮތް 50 މިލިއަން ޑޮލަރު މިއަދު ވަނީ ދައްކައި ނިންމާފައެވެ.

ކުރީ ސަރުކާރުން ނެގި މި ދަރަނި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކަމުން ގޮސްފައިވަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށެވެ. އެގޮތުން ފުރަތަމަ 50 މިލިއަން ޑޮލަރު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު އަދާކޮށްފައިވާއިރު، ދެވަނަ 50 މިލިއަން ޑޮލަރު ދައްކާފައިވަނީ މޭ 11 ގައެވެ. އަދި ސެޕްޓެންބަރު 17 އަށް މުއްދަތު ހަމަވާން އޮތް ފަހު 50 މިލިއަން ޑޮލަރު މިއަދު ދެއްކުމާއެކު މި 150 މިލިއަން ޑޮލަރުގެ ފެސިލިޓީ މިހާރު ވަނީ އެއްކޮށް ދައްކައި ނިމިފައެވެ.

މާލީ ވުޒާރާއިން ފާހަގަކުރި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން އޯގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވްގައި ގާތްގަނޑަކަށް 644 މިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. މީގެ އިތުރުން ތެލާއި، ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓް ކުރުމަށް ބޭނުންވާ ބޭރު ފައިސާ މެދުނުކެނޑި ލިބޭނެ އިންތިޒާމުތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި މިފަދަ އަސާސީ ޚިދުމަތްތަކާއި މުދާ ރައްޔިތުންނަށް މެދުނުކެނޑި ފޯރުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ.

އެހެންކަމުން، ދަރަނި އަދާކުރުމުގެ ސަބަބުން އަސާސީ މުދާ އެތެރެކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އެ ވުޒާރާއިން ބުނީ ސަރުކާރުން އަބަދުވެސް ދަނީ ދައުލަތުގެ ދަރަނިތައް ޒިންމާދާރުކަމާއެކު ދެއްކުމަށްޓަކައި، ސޮވްރިންގ ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާކުރުމާއި، ދުރާލާ ވާންޖެހޭ ތައްޔާރީތައް ވެގެން ވަގުތަށް ދަރަނި ދައްކަމުން ކަމަށެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ދަމަހައްޓައި، ރިޒާވް ވަރުގަދަކޮށް، ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރިހަމައަށް ރައްކާތެރިކޮށްދިނުމެވެ. މިގޮތުން، ބައިނަލްއަޤްވާމީ އެކި މާލީ އިދާރާތަކާއި، ރާއްޖެއަށް އެހީވާ އެކި ޤައުމުތަކާއި ޖަމާޢަތްތަކާއެކު ފާއިތުވި ދުވަސްތަކުގައި ކުރެވުނު މުހިންމު މަޝްވަރާތައް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް މާލީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު