ޔަމަނުގެ ރަތްކަނޑުގެ އައްސޭރިފަށާއި މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ބާބުލް މަންދަބް ހޫތީންގެ ބާރުގެ ދަށަށް ދިއުމަކީ، ފާއިތުވި އަހަރުތަކުގައި ޔަމަނުގައި ސައުދީ އަރަބިޔާއަށް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކާއި ތަޙުލީލުވެރިން ވަނީ ސިފަކޮށްފައެވެ. މި ބަދަލު އައީ ހޫތީން އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށް ގާތްގަނޑަކަށް އެއްލައްކަ ހަނގުރާމަވެރިން އެއްކޮށް ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ. މިއީ ސައުދީ އިއްތިހާދަށް ކުރިމަތިވި ބޮޑު އިންޓެލިޖެންސް ނާކާމިޔާބީއެއް ކަމަށް ބެލެވެއެވެ.
މި ހާލަތާ ގުޅިގެން ސައުދީ އާއި ޔޫއޭއީގެ ކޮމާންޑް އޮނިގަނޑަށް ބަދަލު އައިސް ވައިގެ އެހީތެރިކަން މަދުވުމުން، ސައުދީގެ އެހީ ލިބޭ ޔަމަނު ސަރުކާރުގެ ފައުޖުތައް ވަނީ ހަނގުރާމަ ނުކޮށް ފަހަތަށް ޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން ސައުދީ އަދި އެމެރިކާއިން ފޯރުކޮށްދީފައިވާ ގިނަ އަދަދެއްގެ ޒަމާނީ ހަތިޔާރުތައް ވަނީ ހޫތީންގެ އަތްދަށަށް ގޮސްފައެވެ.
ހޮރްމުޒް ކަނޑުއޮޅީގެ އިތުރުން ރަތްކަނޑުގެ ބާބުލް މަންދަބް ކަނޑުއޮޅި ހޫޘީންގެ ކޮންޓްރޯލްގެ ދަށަށް ދިއުމާއެކު، އީރާނާއި އެ ގައުމުގެ އެކުވެރިންނަށް ކަނޑުދަތުރުފަތުރުގެ ނާޒުކު ދެ މަގަށް ނުފޫޒު ފޯރުވުމުގެ ބާރު ވަނީ ލިބިފައެވެ.
ޣައްޒާ، ސޫރިޔާ އަދި ލުބުނާނުގައި އީރާނުގެ ބައިވެރިންނަށް ކުރިމަތިވި ނާކާމިޔާބީތަކަށްފަހު، މި ކާމިޔާބީގެ ސަބަބުން މުޅި ސަރަހައްދުގައި އީރާނުގެ ނުފޫޒާއި ހިތްވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ.
ސައުދީ އަރަބިޔާއިން އެދުނު ކަމުގައި ވިޔަސް، ސީދާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވަނީ ދެކޮޅު ހަދާފައެވެ. އަދި ޖުލައި މަހު އިއުލާނުކުރެވުނު ކަނޑުގެ ދިފާއީ އިއްތިހާދުގައިވެސް ވޮޝިންޓަނުން ބައިވެރިނުވުމަކީ، ދެ ގައުމުގެ ދެމެދުގައި އޮތް ސަލާމަތީ ގުޅުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. މިކަމާ ގުޅިގެން ރަތްކަނޑުގެ އޮޕަރޭޝަންތަކަށް މިސްރުގެ އެހީ ހޯދުމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޤާހިރާއަށް ޒިޔާރަތްކުރައްވާފައެވެ.
ހޫތީން މިހާރު ޝަރުތުކުރަމުންދަނީ ހުދައިދާ ބަނދަރާއި ސަންޢާގެ އެއާޕޯޓަށް އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޔަމަނުގެ ސަރުކާރަށް ސައުދީން ދޭ އެހީ ކުޑަކުރުމަށެވެ.
ތަޙުލީލުވެރިން ފާހަގަކުރާ ގޮތުގައި، ޔަމަނަކީ ބޭރުގެ ބާރުތަކަށް އަބަދުވެސް ނުރައްކާތެރި އަސްކަރީ ވަޅުގަނޑަކަށް ވެފައިވާއިރު، މި ހަނގުރާމައިން ސައުދީއާއި އެމެރިކާއަށް ފަސޭހައިން ނުކުމެވޭނެ މަގުތައް މިހާރު ވަނީ ވަރަށް ބޮޑަށް ބަންދުވެފައެވެ.
މި ލިޔުން ކިޔާލުމުން



