އޮމާން މެދުވެރިކޮށް ސައޫދީ އަރަބިއްޔާއިން އިތުރަށް ސާފުނުކުރާ ތެޔޮ ބޭރުކުރާނެ ކަމުގެ ޚަބަރުތަކާއެކު، ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު ކުޑަވެ، ބުރާސްފަތި ދުވަހު އޭޝިއާގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އަގުތައް އަދިވެސް ހުރީ ފީފާއެއް 100 ޑޮލަރަށްވުރެ މަތީގައެވެ.
ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު 105.64 ޑޮލަރަށް އަދި ޑަބްލިޔުޓީއައި ފިއުޗާސްގެ އަގު 102.10 ޑޮލަރަށް ވެއްޓިފައިވާއިރު، މިއީ ވޭތުވެދިޔަ ދުވަސްތަކާ އަޅާބަލާއިރު އަގުތައް ދަށްވުމުގެ ސިލްސިލާއެކެވެ. ބުދަ ދުވަހު ވެސް އަގުތައް ގާތްގަނޑަކަށް 3 ޑޮލަރު ދަށަށް ގޮސްފައިވާއިރު، ބުރާސްފަތި ދުވަހު މާކެޓް ހުޅުވުނުއިރު ވެސް ދެ ބާވަތުގެ ތެލުގެ އަގު ވަނީ ފީފާއަކުން 1 ޑޮލަރަށްވުރެ ބޮޑަށް ދަށަށް ގޮސްފައެވެ.
ސައޫދީ އަރަބިއްޔާއިން އޮމާންގެ ސުހާރު ބަނދަރުގައި އެއް އުޅަނދުން އަނެއް އުޅަނދަށް ތެޔޮ ބަދަލުކޮށްގެން އޭޝިއާގެ ރިފައިނަރީތަކަށް އިތުރަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދެމުންދާ ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. މި ފިޔަވަޅުގެ ސަބަބުން ސައޫދީގެ އީސްޓް-ވެސްޓް ހޮޅިލައިނަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ތެލުގެ ސަޕްލައިއަށް ކުރި ނޭދެވޭ އަސަރު ވަކި މިންވަރަކަށް ވަނީ ކުޑަވެފައެވެ.
ނިސާން ސެކިއުރިޓީސް އިންވެސްޓްމަންޓްގެ ޗީފް ސްޓްރެޓެޖިސްޓް ހިރޯޔުކީ ކިކުކާވާ ފާހަގަކުރެއްވި ގޮތުގައި، އޮމާން މެދުވެރިކޮށް ތެޔޮ ފޮނުވާ ޚަބަރާއެކު ސަޕްލައި ތާށިވެދާނެ ކަމުގެ ބިރުވެރިކަމަށް ލުޔެއް ލިބިފައިވެއެވެ. މީގެއިތުރުން، އަންނަ ހަފުތާގައި ބާއްވާ އެމެރިކާ-ޗައިނާ ސަމިޓުގެ ކުރިން މެދުއިރުމަތީގެ ނުތަނަވަސްކަން ކުޑަކުރުމަށް ކުރިއެރުންތަކެއް ލިބިދާނެ ކަމުގެ އުންމީދަކީ ވެސް ތެލުގެ އަގު އިތުރަށް އުފުލުނަނުދީ ހިފަހައްޓައިދޭ ކަމެކެވެ.
ސައޫދީ އަރަބިއްޔާގެ އީސްޓް-ވެސްޓް ހޮޅިލައިންގެ ދެ ޕަންޕިން ސްޓޭޝަނަކަށް ދިން ހަމަލާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ރަތް ކަނޑުގެ މަގުން ތެޔޮ ބޭރުކުރާ މައި މަރުކަޒު ކަމަށްވާ ޔަންބުއިން ސާފުނުކުރާ ތެޔޮ ބަރުކުރުން ވަގުތީގޮތުން މެދުކަނޑާލައި، ޔޫރަޕަށް ފޮނުވަން ހަމަޖެހިފައިވާ ބައެއް ޝިޕްމަންޓްތައް ރިޔާޒުން ވަނީ ކެންސަލްކޮށްފައެވެ.
ސެކްސޯ ބޭންކުގެ އެނަލިސްޓުން ފާހަގަކުރާ ގޮތުގައި، ހޮރުމުޒް ކަނޑުއޮޅި މެދުވެރިކޮށް ދަތުރުކުރާ މިންވަރު އިތުރުވުމުން ހަމަލާތަކާ ގުޅިގެން ގެއްލުނު އެކްސްޕޯޓަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ލިބުނު ނަމަވެސް، މިއީ މުޅި ސަޕްލައިއިން ގެއްލިގެންދިޔަ ބޮޑުބަޔަށް ފުރިހަމަ ލުޔެއް ގެނެސްދެވޭނެ ކަމެއް ނޫނެވެ.
މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ސައޫދީގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ޔަމަނަށް ބޮންއަޅާފައިވާއިރު، ހޫޘީ ހަނގުރާމަވެރިން ވެސް ދަނީ ސައޫދީގެ ސިޓީތަކަށް ޑްރޯނާއި މިސައިލް ހަމަލާތައް ދެމުންނެވެ.
ޑީބީއެސް ބޭންކުގެ ހެޑް އޮފް އެނާޖީ ރިސާޗް، ސުވްރޯ ސަރްކާރު ވިދާޅުވާ ގޮތުގައި ހުރުމުޒާއި ރަތް ކަނޑުގައި ހިނގާ ހަމަލާތައް ކުރިއަށްދާނަމަ ތެލުގެ އަގު ފީފާއެއް 120 ޑޮލަރަށް އުފުލިދާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މައިގަނޑު ހާލަތަކަށް ބެލެވެނީ އެމެރިކާއާއި އީރާނުގެ ނުތަނަވަސްކަން މަޑުޖެހި، އަގުތައް 85 އާއި 95 ޑޮލަރާ ދެމެދުގައި ހަމައަކަށް އެޅިގެން ދިއުމެވެ.
މި ލިޔުން ކިޔާލުމުން



