ބައިނަލްއަގުވާމީ ވިޔަފާރިއާއި ހަކަތަ ފޯރުކޮށްދޭ މުހިންމު މަގުތައް ކަމަށްވާ ބާބިލް މަންދެބް ކަނޑުއޮޅިއާއި، ރަތްކަނޑު އަދި ގަލްފް އޮފް އެޑަން ހިމެނޭ ސަރަޙައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަޢޫދީ ޢަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. މިއަދު ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ރާއްޖޭގެ ފަރާތުން މި ކޯލިޝަނުގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.
ބައިނަލްއަގުވާމީ ޤާނޫނުތަކާއި އދ.ގެ މުޢާހަދާތަކާ އެއްގޮތަށް އުފެއްދި މި ކޯލިޝަނުގައި ބައިވެރިވުމުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ކަނޑުމަގުން ރާއްޖެއަށް މުދާ އެތެރެކުރާ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގެ ދައުރު ފުޅާވެގެންދާނެއެވެ. މި ރަސްމިއްޔާތުގައި ދިފާޢީ ވަޒީރު ޙަސަން ރަޝީދާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ސަޢޫދީން ރާއްޖެއަށް ކަނޑައެޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަޙްތާނީއާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ލިޔުން ކިޔާލުމުން



