ސައިކަލެއްގެ މަޑިދަށުގައި ކިލޯއަކަށް ވުރެ ގިނަ ކެނަބިސް ފޮރުވައިގެން އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި ޅ. ހިންނަވަރު، ކަފިދޫގޭ، ހާރޫން ޖައިލަމް 17 އަހަރަށް ޖަލަށްލައި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހުއްޓުވައި ފާސްކުރިއިރު އަތުން ފެނުނު ތަޅުދަނޑިއަކުން ސައިކަލްގެ މަޑިދަސް ފާސްކޮށްގެން އަތުލައިގަތް މަސްތުވާތަކެތީގެ މައްސަލައެކެވެ.
މި މައްސަލައިގައި ހާރޫން ޖައިލަމްގެ މައްޗަށް ކުރި ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާއަށް އޭނާ އިއުތިރާފްވެ، ދައުލަތާއެކު ހެދި އެއްބަސްވުމުގެ ދަށުން އަދަބު ވަނީ 17 އަހަރަށް ކުޑަކޮށްދީފައެވެ. ކޯޓުގެ ހުކުމުގައިވާ ގޮތުން ޖޫރިމަނާގެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައްކައި ނިންމަންޖެހެއެވެ. އަދި ހުކުމުގެ މުއްދަތުން އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން، ދެން އޭނާ ތަންފީޒު ކުރަން ޖެހޭނީ 15 އަހަރާއި 11 މަހުގެ ޖަލު ހުކުމެކެވެ.
މި ލިޔުން ކިޔާލުމުން



