މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދިވެހިރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށް ފަހު ދެ ބޭފުޅުން ވަނީ ރައީސް އޮފީހުގައި މީޑިއާއަށް ބަޔާން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި، މިއީ ދެ ޤައުމުގެ މެދުގައިވާ 58 އަހަރުވީ ބަދަހި ގުޅުން އިތުރަށް ސާބިތުވެ، 2025 ވަނަ އަހަރުގެ އެޕްރީލް މަހު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ އެއްބަސްވުންތަކުގެ ނަތީޖާ ފެނިގެންދިޔަ ދަތުރުފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި އދ.، އޯއައިސީ، އަދި ކޮމަންވެލްތު ފަދަ ބައިނަލްއަޤްވާމީ މައިދާންތައް މެދުވެރިކޮށް ގަވާއިދުން މަޝްވަރާތައް ކުރިއަށްގެންދެވުމަށް ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވިއިރު، ދިފާއީ ދާއިރާއާއި އިސްލާމީ ކަންތައްތަކާބެހޭ ދާއިރާއިން އާ ފަހުމުނާމާތައް ބަދަލުކުރުމުގެ ރަސްމިއްޔާތުގައިވެސް ދެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
އިޤްތިޞާދީ ގުޅުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، މެލޭޝިއަން ޓެކްނިކަލް ކޯޕަރޭޝަން ޕްރޯގްރާމް އާއި ސްކޮލަރޝިޕްތައް މެދުވެރިކޮށް ފޯރުކޮށްދޭ އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ވިސާގެ ލުއިފަސޭހަތަކާއި، ގުޅިގެން ދިރާސާކުރުމާއި، މެލޭޝިއާގައި އުޅޭ ދިވެހިންނަށް ކޮންސިއުލަރ އެހީތެރިކަން ފުޅާކުރުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ފާހަގަކުރެއްވިއެވެ. އަދި ޕްރެފަރެންޝަލް ޓްރޭޑް އެގްރީމެންޓެއްގެ މަޝްވަރާތައް ފެށުމަށާއި، އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، އިމާރާތްކުރުން، އިސްލާމިކް ފައިނޭންސް، ފަތުރުވެރިކަން އަދި ހަލާލް އިންޑަސްޓްރީގެ ދާއިރާއިން ގުޅުން ބަދަހިކޮށް އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވާލުމަށް ދެ ޤައުމުން އެއްބަސްވިއެވެ.
ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކުގައި ފަލަސްޠީނާއެކު ސާބިތުވެ ތިއްބެވިކަން ތަކުރާރުކުރައްވަމުން، ކޮޕް31 ގައި މޫސުމީ ބަދަލުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށާއި ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ ވާހަކަފުޅުގައި، ރާއްޖެއިން ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވައި ދޭދޭ ގުޅުންތައް ބަދަހިކުރެއްވުމުގައި ސާބިތުވެ ހުންނަވާނެކަމަށް ވިދާޅުވިއެވެ. އަދި ރައީސް މުޢިއްޒުގެ ލީޑަރޝިޕަށާއި ސަރުކާރުގެ އުޞޫލީ ނިންމެވުންތަކަށް ތަޢުރީފު ކުރައްވަމުން، މެލޭޝިއާ ސަރުކާރުގެ ފަރާތުން 100 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސުވޮޕް ފެސިލިޓީއެއް ދިނުމަށާއި، "ގްރެޖުއޭޓް ޕާސް ސްކީމް" ގައި ދިވެހިރާއްޖެ ހިމެނުމަށް ނިންމެވިކަން އިޢުލާނު ކުރެއްވިއެވެ.
މި ލިޔުން ކިޔާލުމުން



