ހިފާފައިވާ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ފުޅާކުރުމާއި، އިޤްތިޞާދީ ގޮތުން ދަތިކުރުމުގެ ސަބަބުން، ދެމެހެއްޓެނިވި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމުގެ ފުރުޞަތުތަކަށް ބޮޑެތި ހުރަސްތަކެއް އެޅެމުންދާ ކަމަށް ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.
ޕޯޗުގަލްގެ ޚާރިޖީ ވަޒީރު ޕައުލޯ ރަންޖެލް، ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ވާރސަން އަޣާބެކިއަން ޝާހިންއާ ބައްދަލުކުރެއްވުމަށްފަހު، އިސްރާއީލުގެ އީ1 ސެޓްލްމަންޓް ޕްލޭނަކީ އިންތިހާއަށް ނުރައްކާތެރި ޕްލޭނެއްގެ ގޮތުގައި ސިފަކުރައްވައިފިއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި މި ޕްލޭނުގެ ސަބަބުން ހުޅަނގު އައްސޭރި ބައިބައިވެ، އިރުމަތީ ޤުދުސް އެކަހެރިވެގެންދާނެއެވެ. އަދި މިއީ ދެ ދައުލަތުގެ ހައްލާ މުޅިން ޚިލާފު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފަލަސްޠީނުގެ ޓެކްސް ފައިސާ އިސްރާއީލުން ހިފެހެއްޓުމަކީ ފަލަސްޠީނު އޮތޯރިޓީގެ މާލިއްޔިއްޔާ "ވަރަށް އަނިޔާވެރިކޮށް ހާލާކުކޮށްލުން" ކަމަށާއި، އޭގެ ސަބަބުން އިޤްތިޞާދު ހިންގުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާ ކަމަށް ރަންޖެލް ވިދާޅުވިއެވެ. އަދި އިރުމަތީ ޤުދުސްގެ ޙާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުން، އެ ސަރަޙައްދުގައި ހުރި ކްރިސްޓިއަން ސްކޫލްތައް ބަންދުކުރަމުންދާ މައްސަލަވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ފަލަސްޠީނުގެ ދައުލަތް ބަލައިގެންފައިވާ ޕޯޗުގަލްގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، އިސްރާއީލީންނާއި ފަލަސްޠީނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާއެކު އެކުގައި އުޅެވޭނެކަން ކަށަވަރުކޮށްދޭ ހަމައެކަނި މަގަކީ ދެ ދައުލަތުގެ ޙައްލު ކަމަށެވެ.
ހުޅަނގު އައްސޭރީގެ އިސްރާއީލު އާބާދީތަކުން ގެންނަ މުދާ އެތެރެކުރުން ހުއްޓުވުމަށް އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތް އަދި ކެނެޑާއިން ރާވާފައިވާ ރޭވުންތަކާ ގުޅިގެން، އިރުމަތީ ޤުދުސްގައި ހުންނަ އިނގިރޭސިވިލާތުގެ ކޮންސިއުލޭޓް ބަންދުކުރާ ކަމަށް އިސްރާއީލުން މިދިޔަ ހަފުތާގައި ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން



