ރާއްޖޭގެ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމުގެ ފުރުޞަތުތަކާ ގުޅޭގޮތުން، މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު، ނިޝާން މުލީގެ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ (ނ.މ.ޝ.ޢ) ސުލްލްޠާން ބިން ޢަބްދުއްރަޙްމާން އަލް-މަރްޝަދާ މަޝްވަރާކުރައްވައިފިއެވެ.
މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، އެސް.އެފް.ޑީގެ ސީ.އީ.އޯ، މިނިސްޓަރ ޒަރީރުގެ އަރިހަށް ކުރެއްވި މި އިޙްތިރާމްގެ ޒިޔާރަތުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ތަރައްޤީގެ ދާއިރާއިން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށާއި އަސާސީ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ އުމްރާނީ މަޝްރޫޢުތަކަށް ބޭނުންވާ ފައިނޭންސިންގ ހޯދުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޒަރީރު ވަނީ އެސް.އެފް.ޑީ އިން ރާއްޖޭގެ ތަރައްޤީއަށް ދެއްވަމުންދާ ދިގު މުއްދަތުގެ އެހީތެރިކަމާއި ބާއްވަވާ ގާތް ގުޅުން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.
އެސް.އެފް.ޑީން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 1978 ވަނަ އަހަރު، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމަށް ދޫކުރި ފުރަތަމަ ލޯނާ އެކުގައެވެ. އޭގެ ފަހުން މިއަދާ ހަމައަށް، އެ ފަންޑުން ވަނީ ރާއްޖޭގެ 14 މަޝްރޫޢަކާއި ޕްރޮޖެކްޓްތަކަށް ޖުމްލަ 17 ލޯނު ދޫކޮށްފައެވެ. މީގެ ތެރޭގައި ހިމެނޭ ފައިނޭންސިންގގެ ޖުމްލަ އަދަދު 488 މިލިއަން އެމެރިކާ ޑޮލަރަށްވުރެ އިތުރެވެ.
އެ ފަންޑުގެ އެހީތެރިކަން މައިގަނޑު ގޮތެއްގައި ފޯރުކޮށްދީފައިވަނީ ދަތުރުފަތުރާއި، ޞިއްޙީ ދާއިރާއާއި، ބޯހިޔާވަހިކަމުގެ އިތުރުން ސިޓީ ތަރައްޤީކުރުން ފަދަ މުހިންމު ދާއިރާތަކަށެވެ. އެގޮތުން އެސް.އެފް.ޑީގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢަށް އެ ފަންޑުން ގާތްގަނޑަކަށް 217 މިލިއަން އެމެރިކާ ޑޮލަރުގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރުމުގެ ޕްރޮގްރާމަށް 50 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، ހުޅުމާލޭގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށްވެސް އެ ފަންޑުން ވަނީ ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.
ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސް.އެފް.ޑީ) އަކީ ބައިނަލްއަޤްވާމީ ތަރައްޤީގެ ދާއިރާއިން ސައޫދީ އަރަބިއްޔާގެ ފަރާތުން މަސައްކަތްކުރާ މައި އިދާރާއެވެ. 1974 ވަނަ އަހަރު ގާއިމުކުރެވުނު މި ފަންޑުގެ މައިގަނޑު މަޤްޞަދަކީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީ، އެ ޤައުމުތަކުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ.
މި ލިޔުން ކިޔާލުމުން



