އާދިއްތަ, November 1
ބީއެމްއެލްގެ އީ-ކޮމާސް ލިމިޓް ރީސެޓްވާ މުއްދަތުގައި ސިކުންތަކު 70 އަށްވުރެ ގިނަ ޓްރާންސެކްޝަން ހިނގާ

ބޭންކް އޮފް މޯލްޑިވްސް ގެ ރުފިޔާ ކާޑުތަކުން ބައިނަލްއަގުވާމީ އީ-ކޮމާސް މުއާމަލާތްތަކަށް މަހަކު 16 މިލިއަން ޑޮލަރުގެ ލިމިޓެއް ވަނީ ކަނޑައަޅައިފައެވެ. ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓް ސްޓްރެޓެޖީ މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި، ޓީމޫ، އަލީބާބާ، އެޕަލް އަދި އެމެޒޯން ފަދަ މަގުބޫލު ސައިޓުތަކުގައި ސިކުންތަކު 70 އަށްވުރެ ގިނަ ޓްރާންސެކްޝަން ހިނގަމުންދެއެވެ.

އީ-ކޮމާސް ލިމިޓް ބެހެވިފައިވާ ގޮތް (މަހަކު / ދުވާލަކު):

  • އެންމެ އާންމު 150 އީ-ކޮމާސް ސައިޓް: މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކު ~100,000 ޑޮލަރު)
  • ސޯޝަލް މީޑިއާ (މެޓާ، ޓިކްޓޮކް): މަހަކު 1.5 މިލިއަން ޑޮލަރު (ދުވާލަކު ~50,000 ޑޮލަރު)
  • ދަތުރުފަތުރާއި ހޮޓެލް ބުކިން: މަހަކު 6 މިލިއަން ޑޮލަރު (ދުވާލަކު ~200,000 ޑޮލަރު)
  • ޒަރޫރީ ސަބްސްކްރިޕްޝަންތައް: މަހަކު 3 މިލިއަން ޑޮލަރު (ދުވާލަކު ~100,000 ޑޮލަރު)
  • އެހެނިހެން އޮންލައިން ވިޔަފާރި: މަހަކު 1.8 މިލިއަން ޑޮލަރު (ދުވާލަކު ~60,000 ޑޮލަރު)
  • ސިއްހަތާއި ތައުލީމު: އެއްވެސް ލިމިޓެއް ނެތި، ޚާއްސަ ބަފަރއަކާއެކު އަބަދުވެސް ފައިސާ ދެއްކޭނެ

ނަމަވެސް ސިއްހީ އަދި ތައުލީމީ ޚިދުމަތްތަކަށް އެއްވެސް ލިމިޓެއް ނެތި، ޚާއްސަ ބަފަރއަކާއެކު އަބަދުވެސް ފައިސާ ދެއްކޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ.

ކޮންމެ ދުވަހަކު ހެނދުނު 7:00 އަށް ލިމިޓް ރީސެޓްވާއިރު، ގިނަ ކަސްޓަމަރުން ކާޓަށް އެއްޗެހި އަޅައިގެން ތައްޔާރުވެ ތިބުމުގެ ސަބަބުން އެންމެ ޑިމާންޑް ބޮޑު ސައިޓުތަކުގެ ދުވަހު ލިމިޓް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ހަމަވެއެވެ. ނަމަވެސް ދަތުރުފަތުރާއި ޒަރޫރީ ސަބްސްކްރިޕްޝަން ފަދަ ކެޓަގަރީތަކުން ދުވަސް ނިމޭއިރުވެސް ލިމިޓް ބާކީ ހުންނާތީ އާންމު ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ދަތިކަމެއް ނެތި ސަޕޯޓް ލިބެއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރަށް ދާ މީހުންނާއި، ކިޔަވާ ދަރިވަރުންނާއި، ބޭރުގައި ދިރިއުޅޭ ދިވެހިންގެ ލިމިޓަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

މި އަހަރުގެ ޖަނަވަރީން އޮގަސްޓަށް ކާޑު މުއާމަލާތްތަކަށް މަހަކު އެވްރެޖްކޮށް 38 މިލިއަން ޑޮލަރު ބޭންކުން ހޭދަކޮށްފައިވާއިރު، ހުރިހާ ދާއިރާއަކުން މަހެއްގެ މައްޗަށް ޖުމްލަ 81 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ. ބީއެމްއެލްއިން ބުނި ގޮތުގައި މި އުސޫލުތައް އެކުލަވައިލީ ފޮރިން ކަރަންސީ ލިކިއުޑިޓީ ދެމެހެއްޓެނެވި ގޮތެއްގައި މެނޭޖްކުރުމަށެވެ. އަދި ބޭންކަށް ލިބޭ ބޭރު ފައިސާއަށާއި ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި މި އަދަދުތައް މުރާޖައާ ކުރަމުންދާނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު