އިޙުތިރާމު އަދާކުރުމުގެ 5 އަހަރުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ޢާންމުކޮށް ހުޅުވާލައިފިއެވެ.
"އިޙުތިރާމުގެ އުފާ މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ އެއްވަނައަށް ހޮވޭ ލޯގޯއަކަށް 60،000 (ފަސްދޮޅަސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކްލަބް ޖަމްޢިއްޔާތަކަށާއި، އުމުރުން 16 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
ލޯގޯ ފަރުމާކުރުމުގައި އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ތެރެއިން ލޯތްބާއި ކުލުނު ރަމްޒުކޮށްދިނުމާއެކު، ދިވެހި ޤައުމާއި މާޙައުލާ ގުޅޭ ކުލަތައް ބޭނުންކުރުމަށް ވަނީ ޝަރުޠުކޮށްފައެވެ. އަދި ބެޖު، ސްޓިކާ، ބެނަރ، ޓީޝާޓު ފަދަ ތަކެތީގެ އިތުރުން ޑިޖިޓަލް މީޑިއާއާއި އެނިމޭޝަންތަކުގައި ވެސް ފަސޭހައިން ބޭނުންކުރެވޭނެ ފަރުމާއަކަށް ވާންޖެހެއެވެ.
މީގެއިތުރުން ހުށަހަޅާ ލޯގޯއަކީ މީގެކުރިން އެއްވެސް ތަނެއްގައި ބޭނުންކޮށްފައިނުވާ އަސްލު އުފެއްދުމަކަށް ވާންޖެހޭނެ ކަމަށާއި، ޢާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު އެއްވެސް ސިފައެއް އެކުލެވިގެން ނުވާނެ ކަމަށް ވުޒާރާއިން ބަޔާންކުރެއެވެ.
އެންމެ މޮޅު ލޯގޯ ހޮވުމަށް ހަމަޖެހިފައިވަނީ ޖަޖުންގެ ޕެނަލަކާއި އެސްއެމްއެސް ވޯޓު ހިމެނޭހެން ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓާއި މިލްކުވެރިކަން ވުޒާރާއަށް ލިބިގެންދާނެއެވެ.
މި މުބާރާތަށް ލޯގޯ ހުށަހަޅަންޖެހެނީ އޭ4 ސައިޒުގެ ޕްރިންޓަކާއި، އެޑޯބް އިލަސްޓްރޭޓަރ (ވެކްޓަރ/ޕީޑީއެފް) ފައިލް އަދި ބޭނުންކުރި ފޮންޓާއި ކުލަތަކުގެ ތަފްޞީލު ހިމެނޭ ސޮފްޓް ކޮޕީ ޕެންޑްރައިވެއްގައި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 24 ސެޕްޓެންބަރު 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ޤައުމީ ދާރުލްއާޘާރު ބިނާގައި ހުންނަ ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށެވެ.
މި ލިޔުން ކިޔާލުމުން



