އާދިއްތަ, November 1
ޣައްޒާގެ ފިލްމު ހެދި މީހުންގެ ރައްޔިތުކަން ބާތިލުކުރަން އިސްރާއީލުން އިންޒާރުދީފި

ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ގަތުލުއާންމާ ބެހޭ ގޮތުން ތައްޔާރުކުރި ޑޮކިއުމެންޓްރީ ފިލްމު "ނާޒާ" އަށް ވެނިސް ފިލްމު ފެސްޓިވަލުގެ ސްޕެޝަލް ޖޫރީ ޕްރައިޒް ލިބުމާ ގުޅިގެން، އެ ފިލްމު އުފެއްދި ޔުވާލް އަބްރަހަމް އަދި ރޭޗަލް ޒޯގެ ރައްޔިތުކަން ބާތިލުކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިސްރާއީލުގެ ކަލްޗަރ މިނިސްޓަރު މިކީ ޒޯހަރު އިންޒާރު ދެއްވައިފި އެވެ.

އާދީއްތަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޒޯހަރު ވަނީ އެ ޑޮކިއުމެންޓްރީއަކީ "ހަޑިމުޑުދާރު" ފިލްމެއް ކަމަށާއި، ފިލްމު ފެސްޓިވަލުން އެ ފިލްމަށް އެވޯޑު ލިބުމަކީ ސިހުން ގެނުވި ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ފިލްމު އުފެއްދި ފަރާތްތަކުން ގައުމަށް ގެއްލުން ދެނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ޔަހޫދީންނާ ދެކޮޅު މީހުންގެ އަތްތިލަބަޑީގެ އަޑު އިވުމުގެ ބޭނުމުގައި ކަމަށް ތުހުމަތުކުރައްވައި، އެ މީހުންގެ އަމަލަކީ "ދައުލަތަށް ގައްދާރުވުން" ކަމަށް އޭނާ ސިފަކުރެއްވި އެވެ.

"ކަލްޗަރ މިނިސްޓަރުގެ ހައިސިއްޔަތުން، ދައުލަތަށް ގައްދާރުވި މި ދަށު ދަރަޖައިގެ އުފެއްދުންތެރިންގެ އިސްރާއީލު ރައްޔިތުކަން ބާތިލުކުރުމަށް އަޅުގަނޑު ވަގުތުން ފިޔަވަޅު އަޅާނަން،" ވަޒީރު ލިޔުއްވާފައިވެ އެވެ.

ވެނިސް ފިލްމު ފެސްޓިވަލުގެ ރަސްމީ ޚުލާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، 80 މިނެޓުގެ މި ފިލްމުގައި ދައްކުވައިދެނީ ޣައްޒާގެ ފަލަސްތީނު ރައްޔިތުން ރާވައިގެން ގިނަ އަދަދަކަށް މެރުމަށް އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކޮށްގެން ހިންގާ ނިޒާމުތައް އިސްރާއީލުން ބޭނުންކުރާ ގޮތެވެ. ފިލްމު ފެސްޓިވަލުގައި މި ޑޮކިއުމެންޓްރީ ޕްރީމިއާ ކުރި ވަގުތު، ހާޒިރުވެ ތިބި މީހުން ވަނީ ކޮޅަށް ތެދުވެ 25 މިނެޓު ވަންދެން އަތްތިލަބަޑި ޖަހައި ބޮޑު ތަރުހީބެއް ދީފަ އެވެ.

މި ފިލްމުގައި ހިމަނާފައިވަނީ ކާކުކަން ހާމަނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކި އިސްރާއީލުގެ އަސްކަރިއްޔާ އަދި ޖާސޫސީ ދާއިރާގެ މުވައްޒަފުންގެ ހެކިބަސްތަކެވެ. އިންޓަވިއު ދިން ފަރާތްތަކުން ވަނީ ޣައްޒާގެ ފަލަސްތީނު މީހުންގެ މުވާސަލާތީ ގުޅުންތައް މޮނިޓަރުކޮށް، އަމާޒުކޮށްގެން މީހުން މެރުން ކަނޑައެޅުމަށް ބޭނުންކުރާ "ލެވެންޑާ" ނަމަކަށް ކިޔާ އޭއައި ނިޒާމެއްގެ ވާހަކަ ތަފްސީލުކޮށްދީފަ އެވެ.

ފިލްމު އުފެއްދި އަބްރަހަމް ބުނީ އޭނާގެ މި ޑޮކިއުމެންޓްރީގެ ސަބަބުން ހުޅަނގުގެ ސަރުކާރުތަކުން އިސްރާއީލާ ދެކޮޅަށް އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު