އާދިއްތަ, November 1
ވެނެޒުއޭލާގެ އެއްބަސްވުމާ އެއްގޮތަށް، އެމެރިކާއަށް އީރާނުގައި ތިބެ ތެޔޮ ނެގިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެނެޒުއޭލާގެ ބޮޑު ތެލުގެ ރިޒާވްގެ ފަސްބައިކުޅަ އެއްބައިގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާއިން ކުރި މަސައްކަތާ އަޅާކިޔުއްވަމުން، އެމެރިކާއަށް އީރާނުގައި ދެމިތިބެ "ތެޔޮ ނެގިދާނެ" ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ބައްދަލުވުންތަކަކަށާއި އައިރިޝް އޯޕަން ގޮލްފް މުބާރާތް ބައްލަވާލެއްވުމަށް އަޔަލެންޑަށް ކުރެއްވި ދަތުރުފުޅެއްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، މިއަހަރު އަދި ޚާއްސަކޮށް ނޮވެމްބަރު މަހު އެމެރިކާގައި ބާއްވާ މިޑްޓާމް އިންތިޚާބަށް ފަހު އީރާނު ހަނގުރާމަ ނިމޭނެ ކަމަށް އަދިވެސް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އީރާނު ހަނގުރާމަ ނިމުމުން، ޕެޓްރޯލްގެ އަގު ވަރަށް ބޮޑަށް ދަށަށް ދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މެދުއިރުމަތީގެ ހަލަބޮލިކަމުގެ ސަބަބުން ތެލުގެ ބާޒާރަށް ލޮޅުން އަރާފައިވާއިރު، ސައޫދީގެ ތެޔޮ ހޮޅިއަކަށް ދިން ހަމަލާއަކާ ގުޅިގެން ހޯމަ ދުވަހު އަނެއްކާވެސް އަގުތައް އުފުލޭނެ ކަމަށް ތެޔޮ ވިޔަފާރިވެރިން ލަފާކުރެއެވެ. މިފަދަ ހާލަތެއްގައި ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު ހައްދަވާނީ ހަމައެކަނި "ރަނގަޅު އެއްބަސްވުމެއް" ކަމަށާއި، ކަމުނުދާ އެއްބަސްވުމެއް ނަހައްދަވާނެ ކަމަށެވެ. އަދި ޞުލްޙައިގެ ވާހަކަތަކަށް އެދި އީރާނުން މެދުނުކެނޑި ގުޅަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިއީ މީގެ ކުރިން ތެހެރާނުން ދޮގުކޮށްފައިވާ ވާހަކައެކެވެ.

އިތުރު އިޚްތިޔާރެއްގެ ގޮތުގައި އީރާނުގައި ދެމިތިބުމުގެ ވިސްނުން ހާމަކުރައްވަމުން ޓްރަމްޕް ވަނީ މިދިޔަ އޮގަސްޓް މަހު އިޢުލާނުކުރި އެމެރިކާއާއި ވެނެޒުއޭލާގެ އެއްބަސްވުމަށް އިޝާރާތް ކުރައްވާފައެވެ. "އަހަރެމެން އެންމެ ފަހުން (އީރާނުން) ފައިބާނަން، އެއީ ވެނެޒުއޭލާ ފަދައިން އެތަނުގައި މަޑުކޮށް ތެޔޮ މިލްކުކުރަން އަހަރެމެން ނުނިންމާހާ ހިނދަކު،" ޓްރަމްޕް ވިދާޅުވިއެވެ. މީގެއިތުރުން ވެނެޒުއޭލާއިން އެމެރިކާއަށް ލިބުނު އާމްދަނީން ހަނގުރާމައިގެ ޚަރަދު އެތައް ފަހަރަކު ފޫބެއްދިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު