އާދިއްތަ, November 1
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފި

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.

މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ބާއްވާ ޚާއްސަ މަހާސިންތާއެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ އައު ޤަރުނަކާ ބައްދަލުވާހިނދު ދީނާ ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމަކީ ބޭނުންތެރި ކަމެއްކަމުގައިވާތީ މިރޮނގުން ހިތްވަރު ދިނުމަށް ސަރުކާރުން އެންމެ މަތީ ލެވެލްގައި ދެމިތިބޭނެކަން ޒުވާން ޖީލަށް ކަށަވަރުކޮށްދިނުމަކީ މި މަހާސިންތާގެ މުހިންމު މަޤުސަދެއް ކަމަށެވެ.

އަދި ޒުވާން ޚަޠީބުން މަޝްރޫއުގެ ބައިވެރިން އެއްތަންވެ، ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް، ގުޅުން ބަދަހިކުރުމަށާއި، މުޖުތަމަޢުއަށް ޚިދުމަތްކުރުމުގައި މި މަޝްރޫއުގެ މުސްތަޤުބަލާމެދު މަޝްވަރާކުރާނެ ޤައުމީ މަންސައެއް ބޭއްވުމަކީ މި މަހާސިންތާގެ މަޤުސަދެއް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ބުރެއް ހިންގައި، މި ޕްރޮގްރާމުގެދަށުން 700 އަށްވުރެ ގިނަ ޒުވާނުން މިދާއިރާއަށް ވަނީ ނެރެފައެވެ. މީގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރުދުވަހު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައިހުރި ދަތިތަކަށް ނިމުމެއް ގެނެވިފައިވާ ކަމަށާއި، ކީރިތި ޤުރްއާނުގެ ޢިލްމާ ހުނަރު ލިބިފައިވާ އަދި ދީނަށް ލޯބިކުރާ، ޝަރުޢީ ދާއިރާއިންނާއި ޢިލްމީ އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ ޒުވާނުންނަށް ހެޔޮގޮތުގައި މުސްތަޤުބަލް ބިނާކުރުމަށް ކޮށައިދެވުނު މަގެއްކަމުގައި މި ޕްރޮގްރާމު ހިމެނިފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު