އިޓަލީގައި އެބޯޝަން ހެދުމުގެ ހައްގު ހޯދައިދިނުމަށާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެ ގައުމުގެ ފުންނާބުއުސް ސިޔާސީ ޝަޚްސިއްޔަތެއް ކަމަށްވާ އެމާ ބޮނީނޯ، އުމުރުން 78 އަހަރުގައި މަރުވެއްޖެއެވެ. އޭނާ މަރުވީ ހުކުރު ދުވަހު ކަމަށް އޭނާގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދީފައެވެ. ސިއްހީ ހާލު ސީރިއަސްވެ މިދިޔަ ހޯމަ ދުވަހު ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނު ނަމަވެސް، ބުރާސްފަތި ދުވަހު އައިސީޔޫއިން ނެރެ އަމިއްލަ ކްލިނިކަކަށް ވަނީ ބަދަލުކޮށްފައެވެ.
ބޮނީނޯގެ ސިޔާސީ ހަޔާތް ފެށުނީ 1974 ވަނަ އަހަރު، އިޓަލީގައި އެބޯޝަން މަނާކޮށްފައި އޮތް ދުވަސްވަރު ސިއްރު ކްލިނިކަކުން އެބޯޝަން ހެއްދެވުމަށްފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވެވަޑައިގަތް ހިސާބުންނެވެ. މި މައްސަލައިގެ ސަބަބުން ފެށުނު ވަރުގަދަ ކެމްޕޭނަކީ 1978 ވަނަ އަހަރު އިޓަލީގައި އެބޯޝަން ގާނޫނީ ގޮތުން ހުއްދަކުރުމަށް މަގުފަހިވި މައިގަނޑު ސަބަބެވެ. އަދި ރެޑިކަލް ޕާޓީގެ ފަރާތުން އޭނާ ޕާލަމެންޓަށް އިންތިޚާބުވެ، ގާތްގަނޑަކަށް 50 އަހަރުގެ ދިގު ސިޔާސީ ހަޔާތެއްގައި އިޓަލީގެ ޚާރިޖީ ވަޒީރުކަމާއި، ޔޫރަޕިއަން އެފެއާޒް މިނިސްޓަރުކަމުގެ އިތުރުން ޔޫރަޕިއަން ކޮމިޝަނަރުކަން ވެސް ފުރުއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ބައްދަލުވުމެއްގައި ފަޓްލޫނު ތުރުކުރެއްވި ފުރަތަމަ އަންހެން ބޭފުޅާގެ ގޮތުގައި ފާހަގަކުރެވުނު ބޮނީނޯ ވަނީ، 1990 ގެ އަހަރުތަކުގައި އީޔޫއާއި ކެނެޑާއާ ދެމެދު ހިނގި "މަހުގެ ހަނގުރާމަ" ފަދަ ބޮޑެތި މައްސަލަތަކުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. އަދި 1997 ގައި އަފްޣާނިސްތާނަށް ކުރެއްވި ޒިޔާރަތެއްގައި ތާލިބާނުންގެ ބެލުމުގެ ދަށަށް ގެންދެވުނު ނަމަވެސް، އަފްޣާން އަންހެނުންގެ ހައްގުތަކަށާއި، އަންހެނުން ޚިތާނުކުރުމާ ދެކޮޅަށް އަދި ހިޖުރަކުރާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތުކުރެއްވުމުގައި ފަސްޖެހިވަޑައިގެންފައެއް ނުވެއެވެ.
އިޓަލީގައި އޭނާއަށް އޮތް ބޮޑު ގަދަރާއި އިހުތިރާމުގެ ސަބަބުން، އެބޯޝަނާ މެދު އޭނާ ގެންގުޅުއްވި ވިސްނުމާ ފައްޅިން ދެކޮޅުހެދި ނަމަވެސް، ސިއްހީ ހާލުކޮޅު ދެރަވުމާ ގުޅިގެން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޕޯޕް ފްރެންސިސް ވަނީ ބޮނީނޯގެ އަރިހަށް ޒިޔާރަތްކުރައްވާފައެވެ. 2017 ވަނަ އަހަރު "+ޔޫރޮޕާ" ޕާޓީ އުފައްދަވައި ޔޫރަޕްގެ އެއްބައިވަންތަކަމަށް މަސައްކަތްކުރެއްވި ބޮނީނޯ އަވަހާރަވިއިރު، އޭނާ ދެމިއޮތީ މުޅި އުމުރު ހައްގުތައް ހޯދުމަށް މަސައްކަތްކުރެއްވި ވަރުގަދަ ޝަޚްސިއްޔަތެއްގެ ގޮތުގައެވެ.
މި ލިޔުން ކިޔާލުމުން



