ދަރިވަރުންނަށް ހާސިލްކުރެވޭ މިންވަރު އިތުރުކުރުމުގެ ގޮތުން އަންނަ އަހަރު ގްރޭޑް 1 ގެ ފޮތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ. އަށް ވަނަ އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، ފޮތްތަކަށް ބަދަލު ގެނެވުނު ކަމުގައި ވިޔަސް ތަޢުލީމީ ނިޒާމަށް ހަގީގީ ބަދަލެއް ގެނެވޭނީ މުދައްރިސުން ކުރާ މިންނެތް މަސައްކަތުން ކަމަށެވެ. މީގެއިތުރުން، މިފަދަ ކޮންފަރެންސްތަކުގެ އެންމެ ބޮޑު ބޭނުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި ކްލާސްރޫމްތަކުގެ އަމަލީ ތަޖުރިބާތައް ދިރާސާތަކާ ގުޅުވާލައި، ދަރިވަރުންގެ ކިޔެވުމަށް އެދެވޭ ކުރިއެރުމެއް ގެނެސްދިނުން ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯއާ އެއްގޮތަށް ތައުލީމީ ނިޒާމު ހަރުދަނާކުރުމަށް ގިނަ ބަދަލުތަކެއް ގެންނަމުންދާކަން ފާހަގަކުރައްވަމުން، ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސާނަވީ ނިންމައި މަތީ ސާނަވީއަށް ބަދަލުވާ ދަރިވަރުންގެ ނިސްބަތް މަދުނަމަވެސް، މިހާރު އެ އަދަދު %50 އާ ގާތްކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލޭގެ ވޮކޭޝަނަލް ހައި ސްކޫލާއެކު، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި މަތީ ތައުލީމީ މަރުހަލާގައި %60 ދަރިވަރުންނަށް ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.
ކުއްޖާގެ ދިރިއުޅުމަށް ހަގީގީ ބަދަލެއް ގެނެސްދޭ ބަޔަކީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށްވާތީ، މުދައްރިސުންގެ ބާރާއި އިހުތިޔާރު ހަނުނުކޮށް، ސުކޫލްތައް ހިންގުމުގައި ޓީޗަރުންނާއި ބެލެނިވެރިން ޝާމިލުކުރުމަށް ޕްރިންސިޕަލުންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ. ކޮންމެ އަހަރަކުވެސް ކިޔަވައިދޭންޖެހޭ ދަރިވަރުންގެ ބޭނުންތައް ތަފާތުވާނެތީ، ޒަމާނާ އެއްގޮތަށް ބަދަލުވުމަށް މުދައްރިސުން އަބަދުވެސް ތައްޔާރަށް ތިބެންޖެހޭނެކަމަށް ޑރ. ޝަފީއު ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން



