ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި އަސާސްތައް ދާއިމީގޮތެއްގައި ދެމެހެއްޓުމަށްޓަކައި އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ޤާއިމުކޮށް، އެ ޝަރީޢަތާ އެއްގޮތަށް ޤަޟާއީ ނިޒާމު ބައްޓަންކުރުމީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ. ދިވެހިން އިސްލާމީ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭތާ 900 އަހަރު ވެފައިވާއިރު، ޤައުމުގެ އެއްބައިވަންތަކަމާއި މިނިވަންކަމުގެ ނާރެހަކީ އިސްލާމްދީން ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް އެއްބައިވަންތަ ބައެއްގެ ގޮތުގައި ދެމިތިބެވޭނީ ދީނީ އަސާސްތަކުގައި ހިފަހައްޓައިގެން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.
މި މަތިވެރި މަޤުޞަދު ޙާޞިލުކުރުމަށްޓަކައި ޤާނޫނީ، ސިޔާސީ، އަދި ތަޢުލީމީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށް، އިސްލާމީ ޝަރީޢަތުގެ ޖިނާއީ، މަދަނީ، ޢާއިލީ، އަދި މާލީ ޙުކުމްތަކާ އެއްގޮތަށް ޤާނޫނުތައް ހަދައި، ދީނުގެ އަޞްލުތަކާ ޚިލާފުނުވާނޭފަދަ ހަރުދަނާ ނިޒާމެއް ބައްޓަންކުރަންޖެހޭކަމަށް ޚުތުބާގައި ބުނެފައިވެއެވެ. މީގެއިތުރުން އިސްލާމީ ޢަޤީދާ ޙިމާޔަތްވާނެހެން ތަޢުލީމީ މަންހަޖުތައް ބައްޓަންކުރުމާއި، ޤުރްއާނާ ބެހޭ މަރުކަޒުތަކާއި އިސްލާމީ ޔުނިވަރސިޓީތައް ފުޅާކޮށް، ޙާފިޒުންނާއި އިމާމުން ބިނާކުރުމުގެ މުހިންމުކަންވެސް ހަނދާންކޮށްދިނެވެ.
މުޖުތަމަޢުގެ ފަރުދީ ޒިންމާތަކަށް ބަލާއިރު، ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުމުގެ މަތިވެރި ރުކުން ދެމެހެއްޓުމަށާއި، ދީނަށް ގޮވައިލުމުގައި ލުއިފަސޭހަ ގޮތްތައް އިޚްތިޔާރުކޮށް، ހަރުކަށި ފިކުރުތަކާއި، ޙުއްޖަތެއް ނެތި މީސްތަކުން ކާފަރުކުރުމާއި، ޓެރަރިޒަމް ފަދަ ނުރައްކާތަކުން މުޖުތަމަޢު ސަލާމަތްކުރަންޖެހޭކަމަށް ބުންޏެވެ. ޚުތުބާ ނިންމާލަމުން، އަންނަން އޮތް ޖީލުތަކަށް އިސްލާމްދީން ވާރުތަކޮށްދިނުމަށްޓަކައި ކޮންމެ ޢާއިލާއަކުންވެސް ދަރިންނަށް އިސްލާމީ ޞައްޙަ ޢަޤީދާއާއި ރިވެތި އަޚުލާޤު އުނގަންނައިދީ، ނަމާދަށް އަހުލުވެރިކުރުވައި، ރަނގަޅު ތަރުބިޔަތެއް ދިނުމަށް ނަޞޭޙަތްތެރިވިއެވެ. ސަބަބަކީ އިސްލާމްދީން ޙިމާޔަތްކުރުމުގެ ބިންގަލަކީ ރަނގަޅު ފަރުދުންނާއި ޢާއިލާތައް ކަމުގައިވާތީއެވެ.
މި ލިޔުން ކިޔާލުމުން



