މި މައްސަލައަކީ 20 ޖަނަވަރީ 2016 ވީ ބުދަ ދުވަހުގެ ރޭ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ގ. ޕެލިކަން އަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިންގި އޮޕަރޭޝަނަކާ ގުޅިގެން ފެންމަތިވި މައްސަލައެކެވެ. އެ ގޭގެ ގްރައުންޑް ފްލޯ ބަލައިފާސްކުރިއިރު ދެ މީހަކު ތިބި އިރު، ފާޚާނާއާއި އަށިމަތިން ގިނަ އަދަދެއްގެ ރަބަރު ޕެކެޓާއި ސެލޯފިންކޮޅުތައް ފެނިފައިވެއެވެ. އަދި އެ ތަކެތި ތަހުލީލުކުރިއިރު ބޮޑު އަދަދަކަށް ކެނެބިސް ހުރިކަން ވަނީ ކަށަވަރުވެފައެވެ.
ދައުލަތުން ކޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ގެއަކީ މީގެ ކުރިންވެސް މަސްތުވާތަކެތި ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ތަކުރާރުކޮށް ފުލުހުން ވަދެ ތަހުގީގުތައް ހިންގާފައިވާ ތަނެކެވެ. އެހެންކަމުން އެ ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަން އެނގޭނެ ފުރުސަތު އޮވެ، އެކަމަށް ހުއްދަދީފައިވާކަން ޝަރީއަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުން ވަނީ އެ ގޭގެ ބެލެނިވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.






