މީގެ އިތުރުން، ގްރޭސް ޕީރިއަޑް ހަމަވެ މުއްދަތު އިތުރުކޮށްފައިނުވާ އަދި އަށް އަހަރު ހަމަނުވާ ތަންތަނަށް މަސައްކަތް ނިންމަން އެއް ފުރުސަތު ދިނުމަށްފަހު، އެ މުއްދަތުގައި ހިދުމަތް ނުފެށިއްޖެނަމަ އެއްބަސްވުން ބާތިލުކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިއަށްނުދާ ތަންތަނާމެދު ފިޔަވަޅު އެޅުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާއިރު، އެއްބަސްވުން ބާތިލުކުރި ނަމަވެސް އަރާފައިވާ ކުއްޔާއި ޖޫރިމަނާ ދައުލަތަށް ދައްކަންޖެހޭނެއެވެ.
ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީން ހާމަކުރެއްވި ގޮތުގައި، ފަތުރުވެރިކަމަށް ދޫކޮށް މަސައްކަތް ނުނިމި 168 ތަން އެބައޮތެވެ. މީގެ ތެރޭގައި 25 އަހަރު ވެފައިވާ ރަށްތައްވެސް ހިމެނޭއިރު، ތަރައްގީނުކޮށް ހުރި ތަންތަނުން ދައުލަތަށް ލިބެންޖެހޭ 537 މިލިއަން ޑޮލަރު ނުލިބި އެބަހުއްޓެވެ. ރާއްޖޭގެ އިގުތިސާދު ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔަކީ ޓީޖީއެސްޓީއެވެ. އެގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުދަލާއި ހިދުމަތުން ލިބުނު 11 ބިލިއަން ރުފިޔާގެ އާމްދަނީގެ ތެރެއިން ހަތް ބިލިއަން ރުފިޔާ ހިއްސާކުރަނީ ޓީޖީއެސްޓީއެވެ. މީގެ އިތުރުން ޤައުމުގައި ޑޮލަރު ހިފެހެއްޓުމަށްޓަކައި ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރަންޖެހޭ ޑޮލަރުގެ އިންސައްތަ ސަރުކާރުން ވަނީ 40 ޕަސެންޓަށް އިތުރުކޮށްފައެވެ.






