Monday, November 2
ރިސޯޓު ކުއްޔާއި ޖޫރިމަނާގެ 97 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދޭ- މިނިސްޓަރ އަމީން
ރިސޯޓުތަކުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބިވާ 97 މިލިއަން އެމެރިކާ ޑޮލަރު ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ވަރަށް ބާރަށް ކުރިއަށްގެންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ މުހައްމަދު އަމީނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފާހަގަކުރެއްވީ، ފަތުރުވެރިކަމުގެ ދާއިރާގެ ގިނަ ފަރާތްތަކަކީ ގާނޫނާއި ގަވާއިދުގެ ތެރެއިން ގަވާއިދުން ޓެކުހާއި ކުލި ދައްކަމުން އަންނަ ފަރާތްތައް ކަމަށެވެ. ނަމަވެސް، މަދު ބަޔަކު ފައިސާ ނުދެއްކުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ބޮޑު އަދަދެއް ނުލިބި ހުރުމަކީ ނުހަނު ބޮޑު މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކުލި ނުދައްކާ ފަރާތްތަކުގެ ތެރޭގައި މިހާރު ހިންގަމުންދާ ރިސޯޓުތަކުގެ އިތުރުން، މިނިސްޓްރީގެ ހުއްދައެއް ނެތި ބަންދުކޮށްފައިވާ ތަންތަންވެސް ހިމެނެއެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން އެއްވެސް ވަރަކަށް ކުލި ނުދައްކާ ކުންފުނިތައްވެސް އެބަހުރި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފައިސާ ދައުލަތަށް ހޯދުމަށްޓަކައި އެ ފަރާތްތަކާ މަޝްވަރާކޮށްގެން ފިޔަވަޅު އެޅުމުގެ ހާއްސަ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށާއި، އެ މަސައްކަތުގެ ތެރެއިން މިހާރުވެސް އެދެވޭ ރަނގަޅު ނަތީޖާއެއް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ ކުރިން އޮޑިޓަ ޖެނެރަލް އޮފީހުން ނެރުނު ރިޕޯޓެއްގައިވެސް، ކުލި ނުދައްކާ ފަރާތްތަކަށް އެކި ގޮތްގޮތުން ލުއިތައްދީ ޖޫރިމަނާ މާފުކޮށްދިނުމަކީ ރިސޯޓުތަކުން ކުލި ނުދެއްކުމަށް ހިތްވަރު ލިބޭ ކަމެއްގެ ގޮތުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު